10 Sep 2015, 16:18
ޓެރަރިޒަމްގެ ކުށުގައި 13 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލް އަގުވާމީ ގާނޫނީ ވަކީލުންގެ ޓީމުން އެންމެ ބޮޑު އިސްކަމައް ދެނީ ނަޝީދު ޖަލުން ނެރުމަށް ކަމަށް، އެ ޓީމްގައި ހިމެނިވަޑައިގަންނަވާ ޖެރެޑް ޖެންސާ ވިދާޅުވެއްޖެ އެވެ.
ދާދި ދެންމެ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެރަޑް ވިދާޅުވީ ބައިނަލްއަގުވާމީ އެތައް ހައްގަކާއި އަދި ރާއްޖޭގެ ގާނޫނު އަސާސީން ލިބިދޭ އެތައް ހައްގަކުން ރައީސް ނަޝީދު މަހުރޫމުކޮށްފައިވާ ކަމަށެވެ.
ނަޝީދުގެ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަމާލް ކްލޫނީ ވިދާޅުވީ ނަޝީދުގެ ޝަރީއަތް ހިންގާފައި ވަނީ ނަޝީދަށް ލިބިދޭން ޖެހޭ ގިނަ ހައްގުތަކަކުން މަހުރޫމުކުރުވުމަށް ފަހު ކަމަށެވެ. އެގޮތުން ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތު ނުދީ ޝަރީއަތް ކުރިއަށް ގެންގޮސްފައިވާކަން އަމާލް ވަނީ ފާހަގަކުރައްވާފަ އެވެ.

ރައީސް ނަޝީދުގެ ބައިނަލްއަގުވާމީ ދެ ވަކީލުން، ޖެރެޑް ޖެންސާ އަދި އަމާލް ކުލޫނީ މިއަދު ކުރުނބާ މޯލްޑިވްސްގައި ޕްރެސް ދެއްވަނީ -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
އެކަންކަމުގެ ސަބަބުން ބައިނަލްއަގުވާމީ ގިނަ ގައުމުތަކަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ވެސް ނަޝީދުގެ ޝަރީއަތަކީ އިންސާފުން ބޭރުން ކުރެވުނު ޝަރީއަތެއް ކަމަށް ގަބޫލުކުރައްވާ ކަމަށް އަމާލް ވިދާޅުވި އެވެ.
ނަޝީދުގެ ފަރާތުން ޔޫއެން ވޯކިން ގުރޫޕަށް ހުށަހެޅި މައްސަލަ ކާމިޔާބު ވާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތް ކަމަށް ނަޝީދުގެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.
ނަޝީދުގެ ވަކީލު ޖެރަޑް ޖެންސާ ވިދާޅުވީ، ނަޝީދާ އެކު މާފުށިޖަލުގައި މިއަދު ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ގިނަ ވާހަކަތަކެއް ދެކެވުނު ކަމަށާއި އެ ބައްދުވުން ނިންމާލުމަށް ފަހު ނިކުތްތާ މާގިނައިރުތަކެއް ނުވެ ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީއަށް މީހަކު ފޯނުން ގުޅައި އެބައްދަލުވުމުގައި ދެކެވުނު ވާހަކަތައް ލައިލާއަށް ކިޔަދީފައިވާ ކަމަށެވެ. އެމީހަކު ބުނި ގޮތުގައި އެވާހަކަތައް އޭނާ އަށް އެނގިފައި ވަނީ ސަރުކާރުގެ އޮފިޝަލެއްގެ ފަރާތުން ކަމަށް ޖެރަޑް ވިދާޅުވި އެވެ.
"ލައިލާ [އަލީ] ވިދާޅުވީ ސަރުކާރުގެ އޮފިޝަލަކާ ވާހަކަ ދެއްކި ކަމަށް ބުނާ މީހަކު ގުޅާފައި އެ ވާހަކަތަކާ ބެހޭ ގޮތުން ސުވާލުކުރި ކަމަށް. އޭގެ ކުރިން އެ ވާހަކަތަކަކީ ލައިލާ އަށް ވެސް އެނގޭނެ ވާހަކަތަކެއް ނޫން،" ޖެރަޑް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ބައިނަލްއަގުވާމީ ދެ ވަކީލުން، ޖެރެޑް ޖެންސާ އަދި އަމާލް ކުލޫނީ މިއަދު ކުރުނބާ މޯލްޑިވްސްގައި ޕްރެސް ދެއްވަނީ -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ނަޝީދާ އެކު ލޯޔަރުން ކުރިއަށްގެންދާ ބައްދަލުވުންތަކަކީ ސިއްރު ބައްދަލުވުންތަކެއް ކަމަށާއި އެހެންކަމުން އެ ވާހަކަތައް އެހެން ބަޔަކަށް އަޑުއެހިގެން ނުވާނެ ކަމަށް ޖެރަޑް ވިދާޅުވި އެވެ. އަދި މިއަދު ނޫނަސް މީގެ ކުރިން ވެސް ލޯޔަރުންނާ އެކު ކުރިއަށްގެންދާ ވާހަކަތައް އަޑުއަހައި އޭގެ މައުލޫމާތު ޕީޖީއާ ހިއްސާކުރާކަން ވެސް އެނގިފައިވާކަމަށް ޖެރަޑް ވިދާޅުވި އެވެ.
ވަކީލު އަމާލް ވަނީ އިއްޔެގެ ވަގުތެއްގައި އެޓާނީ ޖެނެރަލް އަނިލްއާ ބައްދަލުކުރައްވައިފަ އެވެ. އެބައްދަލުވުމަށް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވަމުން އަމާލް ވިދާޅުވީ، ޕީޖީއާ ބައްދަލުކުރުމަށް އަނިލް އިރުޝާދު ދެއްވި ކަމަށާއި ނަމަވެސް އެ ބޭފުޅުންނާ ޕީޖީ ބައްދަލުކުރައްވަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލުން ރާއްޖެ އަށް ކުރެއްވި ދަތުރުފުޅު ނިންމާލުމަށް ފަހު މިއަދުގެ ވަގުތެއްގައި ފުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކަލަމްބޯ އަށް ގޮސް ބޭރުގެ ޑިޕޮލަމޭޓުންނާއި އަދި ނޫސްވެރިންނާ ވެސް ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޓީމުން ބުންޏެވެ.