19:30

މިދިޔަ ހުކުރު ދުވަހު ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާއި، ސުނާމީއާ ގުޅިގެން ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށްޓަކައި މިއަދު ހެނދުނު ފެށި ޓެލެތޯނުގައި ރާއްޖޭގެ އެކިކަންކޮޅުތަކުން ޖަޕާނަށް އެހީވުމަށް ފައިސާ ހަދިޔާކުރަމުން އެބަދެ އެވެ.

މާލޭ ސިޓީ ކައުންސިލުގެ އިސްނެގުމާ އެކު ރާއްޖޭގެ ހުރިހާ ޓީވީ ސްޓޭޝަންތަކާއި ބައެއް ރޭޑިއޯ ސްޓޭޝަންތަކުން 24 ގަޑިއިރަށް ކުރިއަށް ގެންދާ "ޖަޕާނާއެކު ދިވެހިން" ޓެލެތޯން މިއަދު ހެނދުނު 10:45 އިން ފެށިގެން ކުރިއަށްދާއިރު، އެކި ގޮތްގޮތުން ދިވެހިން ގެންދަނީ ޖަޕާނަށް ކުރިމަތިވެފައިވާ ހިތައިމައިގައި ބައިވެރިވެ، ރައްޔިތުންނަށް އެހީވުމަށް ފައިސާ ހަދިޔާކުރަމުންނެވެ.

ޖަޕާނާއެކު ދިވެހިންވާކަން އަންގައިދިނުމަށްޓަކައި، ފަންޑު ހޯދުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި މިއަދު ހަވީރު ވަނީ ހެދިގޮނޑުދޮށުގައި ކުޑަކުދިންގެ ހަވީރެއްވެސް ބާއްވައިފަ އެވެ. އެ ހަވީރު ކުރިއަށްދިޔައިރު އެކި ފަރާތްތަކުން ވަނީ އެތަނުގައި ބަހައްޓައިފަ ހުރި ފަންޑު ފޮއްޓަށް ފައިސާ ހަދިޔާކޮށްފަ އެވެ.

މީގެ އިތުރުން އެސްއެމްއެސް މެދުވެރިކޮށް ޖަޕާނަށް އެހީވުމުގެ ފުރުސަތު ދިރާގާއި ވަތަނިއްޔާގެ ކަސްޓަމަރުންނަށްވެސް ވަނީ ހުޅުވައިލައިފަ އެވެ. އެގޮތުން ދިރާގާއި ވަތަނިއްޔާގެ ޕްރީޕެއިޑް ނަންބަރުތަކުން އެސްއެމްއެސް މެދުވެރިކޮށް ޖަޕާނުގެ ފަންޑަށް 20ރ. ފޮނުވޭނެ އެވެ.

ޖަޕާނަށް އެހީވުމަށް ދިރާގުގެ ކަސްޓަމަރުން އެސްއެމްއެސް ފޮނުވާނީ ޖޭޑީ )ސްޕޭސް( 20 ލިޔުމަށްފަހު 251 އަށެވެ.
ވަތަނިއްޔާގެ ކަސްޓަމަރުން އެސްއެމްއެސް ފޮނުވާނީ ޖޭޑީ )ސްޕޭސް( 20 ލިޔެލުމަށްފަހު 4511 އަށެވެ.

މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް )ބީއެމްއެލް( އިން ވެސް ވަނީ ޖަޕާނަށް އެހީވުމަށް ޅާއްސަ އެކައުންޓެއް ގާއިމްކޮށްފަ އެވެ. ޖަޕާނަށް އެހީވުމަށް ބޭނުންވާ ބީއެމްއެލްގެ ކަސްޓަމަރުންނަށް ޚާއްސަކޮށްފައިވާ ލިންކެއް ބީއެމްއެލްގެ ވެބްސައިޓް ޑަބްލިއު ޑަބްލިއު ޑަބްލިއު ޑޮޓް ބޭންކް އޮފް މޯލްޑިވްސް ޑޮޓް ކޮމް ޑޮޓް އެމްވީން ފެންނާނެ އެވެ.

ޖަޕާނަށް ކުރިމަތިވެފައިވާ ހިތާމަވެރިކާރިސާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ކުރިއަށްގެންދާ މި ޓެލެތޯންގެ މަގުސަދަކީ ކޮންމެ ދިވެއްސެއްގެ ފަރާތުން އެންމެ ކުޑަވެގެންވެސް މަސްދަޅެއް ހަދިޔާކުރުން ކަމަށް އިންތިޒާމްކުރާ ފަރާތުން ބުނެ އެވެ.

"އެންމެ މަސްދަޅަކީވެސް ވަރަށް ބޮޑު އެހީއެއް" ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

ޖަޕާނުގެ ފަންޑަށް ފައިސާ ހޯދުމަށް މިރޭ 9:30 ގައި ލޮނުޒިޔާރަތްކޮޅުގައި ފަންނާނުގެ ޚާއްސަ ޝޯވއެއްވެސް ފަށާނެ އެވެ. މާދަމާ ހެނދުނުވަންދެން ކުރިއަށްދާ އެ ޝޯގައި ޖަޕާނަށް ކުރިމަތިވެފައިވާ މި ކާރިސާއާ ގުޅޭ ގޮތުން ފަންނާނުންނާއި އެކި ފަރާތްތަކުން ޝުއޫރު ފާޅުކުރާނެ އެވެ.

ޖަޕާނަށް ރިކްޓާ މިންގަނޑުން 8.9ގެ ބާރުމިނުގައި އައި ބިންހެލުމުގައި މުޅި ގައުމަށްވަނީ ވަޒަންނުކުރެވޭވަރުގެ ގެއްލުންވެފަ އެވެ. މަރުވި މީހުންގެ އަދަދު މިހާތަނަށް 6000 އަށްވުރެ މައްޗަށް އަރައިފައިވާއިރު އެތައް ސަތޭކަ މީހުން ވަނީ ވީނުވީއެއް ނޭގި ގެއްލިފަ އެވެ. އަދި ހާލުގައި ޖެހިފައިވާ އެތައް ލައްކަ މީހުން އަދިވެސް ތިބީ އެހީގެ އިންތިޒާރުގަ އެވެ.