10 Sep 2015, 15:46
އައިލެންޑް ބެވަރޭޖާސް އިން ތައްޔާރުކުރާ ތާޒާ ފެން ވިއްކުމަށް ބޭނުންވާ އެޖެންޓުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.
މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ވިދާޅުވީ "އެޓޯލް އެޖެންޓް" ނަމުގައި ކުރިއަށްގެންދާ އެ ޕްރޮގުރާމަކީ ރަށްރަށުގައި ތިބޭ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގުރާމެއް ކަމަށާއި އެ އެޖެންޓުންނަށް ހާއްސަ އަގެއްގައި ތާޒާފެން ފޯރުކޮށްދެވޭނެ ކަމަށެވެ.
"މިޕުރޮގުރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަދި ތާޒާގެ އެޖެންޓްޝިޕް ނަގަން ބޭނުންވާ ފަރާތްތަކުން ރަށްރަށުގައި އަތޮޅު ތެރޭގައި ތިއްބެވި ބޭފުޅުން އަޅުގަނޑުމެން ތާޒާއަށް ޕްރޮޕޯސަލް ހުޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވިގެން މިދިޔައީ." ފަޒުލް ވިދާޅުވި އެވެ.
އެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން އެއް މަހަށް ހުޅުވާލާފައިވާ އިރު އެ އެޖެންޓުން މެދުވެރިކޮށް އަތޮޅުތެރޭ ރަށްރަށުގައި އަގުހެޔޮކޮށް ތާޒާ ފެން ލިބިގެންދާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ. ފަޒުލް ވިދާޅުވީ އެއެޖެންޓުންގެ ގޮތުގައި ބައިވެރިވެވޭނީ މިހާރު ވިޔަފާރިކުރާ ފަރާތްތަކަށް ކަމަށެވެ.
އެމްޑަބްލިޔްއެސްސީ އިން އެ އެޖެންޓުންނަށް ފެން ވިއްކާ އަގު ހެޔޮވެގެންދާނެ ކަމަށާއި އޭގެ ތެރެއިން ވެސް ގިނައިން ފެންނަގާ އެޖެންޓުންނަށް ފެން ވިއްކާ އަގު ހެޔޮވެގެންދާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ.
އައިލެންޑް ބެވަރޭޖާސްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝިފާގު ވިދާޅުވީ އެއެޖެންޓުންނަށް ހެޔޮ އަގުގައި ފެން ވިއްކުމުގެ އިތުރުން އެ ކުންފުނީގެ ފަރާތުން ފަންނީ ލަފާ ވެސް ދޭނެ ކަމަށެވެ.