އިއްޒުއްދީން ފާލަމުން ފެށިގެން ލޯކަލް މާރުކޭޓުގެ އިރުމަތީ ފަރާތާ ދެމެދު ފަޅުގައި ހުރި މަސް ދޯނިތައް ނެގުމަށްފަހު އެ ސަރަހައްދު ހުސްކޮށްފި އެވެ.

އިއްޒުއްދީން ފާލަމާއި މާރުކޭޓާ ދެމެދު އޮތް ފަޅު ހުސްކުރުމަށް ނިންމީ ރަސްމީ ފާލަން ވިޔަފާރި އުސޫލުން ދޫކުރުމަށް ހަމަޖެއްސުމާ ގުޅިގެންނެވެ.

ހައުސިން މިނިސްޓްރީގައި މިދިޔަ ހަފްތާ ބޭއްވި ނޫސްވެރިިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއަދުގެ ކުރިން އެ ސަރަހައްދު ހުސްކުރުމަށް އަންގާފައިވާ ކަމަށެވެ.

އެގޮތުން އެ ސަރަހައްދުގައި ހުރި މަސްދޯނިތައް އެހެން ސަރަހައްދެއްގައި މިހާރު ވަނީ އަޅާފަ އެވެ.

މިނިސްޓަރު ވިދާޅުވީ އެ މަސްދޯނިތައް އެޅުމަށް މާރުކޭޓުގެ ހުޅަނގު ފަޅު ޖައްސާފައިވާ ކަމަށެވެ. އެގޮތުން ހުޅަނގު ފަޅުގައި އެ މަސްދޯނިތައް އަޅާފައި ބެހެއްޓުމަށް ހުޅަނގު ހާބަރުން ބައެއް އެމްޕީއެލް އިން ވަނީ ހަމަޖައްސާފައި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މިއަދުން ފެށިގެން ރަސްމީ ފާލަން ވިޔަފާރި އުސޫލުން ދޫކުރަން ހަމަޖައްސާފައިވާ އިރު އެއް ނަމްބަރު ފާލަމާއި ދެ ނަމްބަރު ފާލަން ވެސް މިހާރު ވަނީ އިއްޒުއްދީން ފާލަމުގެ ބައެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ.

އަލަށް ގެނައި ބަދަލުގެ ތެރެއިން މިއަދުން ފެށިގެން ތިން ނަމްބަރު ފާލަން ބޭނުން ކުރާނީ ފުލުހުންގެ ދަތުރުތަކަށާއި ހަތަރު ނަމްބަރު ފާލަން ބޭނުން ކުރާނީ އެމްއެންޑީއެފުން އެކަންޏެވެ.