ޓެރަރިޒަމްގެ ކުށުގައި 13 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލް އަގުވާމީ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އަމާލް ކްލޫނީ އާއި ޖެރެޑް ޖެންސަ އެމަނިކުފާނާ މިއަދު ވެސް ބައްދަލު ކުރައްވައިފި އެވެ.

އެމްޑީޕީގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ މިއަދު ހެނދުނު މާފުށީ ޖަލުގައި ބޭއްވި އެ ބައްދަލުކުރެއްވުން ގާތްގަނޑަކަށް ދެ ގަޑިއިރަށް ދިގުދެމިގެންދިޔަ ކަމަށެވެ. އެހެންނަމަވެސް އެ ބައްދަލުވުމުގެ ތަފްސީލެއް ނުދެއްވައެވެ.

ބައިނަލް އަގުވާމީ ދެ ވަކީލުންގެ ތެރެއިން އަމާލް ކްލޫނީ ވަނީ އަންގާރަ އަދި ބުދަ ދުވަހު ވެސް ރައީސް ނަޝީދާ ބައްދަލުކުރައްވައިފަ އެވެ. އަދި ޖެރެޑް ޖެނެސަން ވަނީ އިއްޔެ އެމަނިކުފާނާ ބައްދަލުކުރައްވާފައެވެ.

ރައީސް ނަޝީދުގެ ގާނޫނީ ޓީމުން މާފުށީ ޖަލު ކުރިމަތީގައި ހުއްޓިގެން ---- ފޮޓޯ: އެމްޑީޕީ

އަމާލް ކްލޫނީ ރާއްޖެ ވަޑައިގެންފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އަދި ޖެރެޑް ޖެންސަ ރާއްޖެ ވަޑައިގަތީ އިއްޔެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖެރެޑް ޖެނެސަން އިއްޔެ ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލަ ކާމިޔާބު ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ.