18 Mar 2011, 14:19
ޓޯކިޔޯ : ބިންހެލުންތަކާއި ސުނާމީގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ޖަޕާނުގެ ފުކުޝީމާ ޑައިޗީ ނިއުކްލިޔަރ އެކުވެންޏަށް އަނެއްކާވެސް އިތުރު ނުރައްކާތަކެއް ކުރިމަތިވެއްޖެއެވެ.
ޖަޕާނުގެ ނިއުކްލިޔަރ ސަލާމަތާބެހޭ އެޖެންސީ ބުނިގޮތުގައި ފުކުޝީމާ އެކުވެނީގެ 2، 3 އަދި 4 ވަނަ ރިއެކްޓަރުން މިއަދު ހެނދުނުވަނީ ހުދުކުލައިގެ ދުންތަކެއް އަރަންފަށާފައެވެ.
މިދުންތަކުގައި ސްޓީމް އެކުލެވޭކަމަށާއި ނަމަވެސް މި ދުންތައް އަރާސަބަބެއް އަދި ނޭންގޭތީ މިކަން ބަލަމުންގެންދާ ކަމަށް އެއެޖެންސީން ބުނެއެވެ.
ފުކުޝީމާގެ ރިއެކްޓަރ ތައް ބެލުމަށްފަހު އިންޓަރނޭޝަނަލް އެޓަމިކް އެނަރޖީ އެޖެންސީ (އައި.އޭ.އީ.އޭ.) ގެ އިންޖިނޭރެއް ކަމަށްވާ ގްރަހަމް އެންޑްރޫ ވިދާޅުވެފައިވަނީ އެ ރިއެކްޓަރު ތަކުގެ ޙާލަތު ވޭތުވެދިޔަ 24 ގަޑީއިރު އެހާބޮޑަށް ނުރައްކާ ނޫންނަމަވެސް ކޮންމެ ވަގުތަކުވެސް މިޙާލަތު ބަދަލުވެދާނެ ކަމުގައެވެ.
ހޫނުވެފައިވާ ރިއެކްޓަރ ތައް ފިނި ނުކުރެވިއްޖެނަމަ ފަހަރުގައި ނިއުކްލިޔަރ ކާރިޘާއަކާ ކުރިމަތިލާންޖެހުމަކީވެސް ދުރުކަމެއް ނޫން ކަމަށްވިދާޅުވެ އޭނާ އިންޒާރު ދެއްވިއެވެ.
ރިޕޯޓްތައް ބުނާގޮތުން ފުކުޝީމާ ރިއެކްޓަރު ތަކުގެ ތެރޭން ތިން ރިއެކްޓަރެއްގައިވާ ނިއުކްލިޔަރ ފިއުލްގެ ނިޒާމަށް، ބިންހެލުންތަކާއި ސުނާމީން ލިބުނު ގެއްލުންތަކުގެ ސަބަބުން މިނިޒާމްވަނީ ނުރައްކާވާ މިންވަރަށް ހޫނުވެފައެވެ.
މިހޫނުކަން ކުޑަކުރުން މިހާތަނަށް ޖަޕާނުން ކުރި މަސައްކަތްތަކުން އެދެވޭ ނަތީޖާ ނެރެވިފައިނުވާތީ މިނިޒާމް އަދިވެސް ފިންޏެއް ނުވެއެވެ. އެހެންކަމުން މި ރިއެކްޓަރ ތަކުގެ އެންމެ ފުނުގައިވާ ނިއުކްލިޔަރ ފިއުލްގެ ރޮޑްތައް ހުރީ ވިރިގެން އެއިން ފުޅާދާއިރާއެއްގައި ރޭޑިއޭޝަން ބޭރުވެދާފަދަ ޙާލަތެއްގައި ކަމަށް ކަމާބެހޭ ރިޕޯޓްތައް ބުނެއެވެ.
އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން ޖަޕާނުގެ ނިއުކްލިޔަރ އިންޖިނޭރުންވަނީ ފުކުޝީމާގެ 2 ވަނަ ރިއެކްޓަރުގެ ފިނިކުރާ ނިޒާމް ހިންގުމަށް ބޭނުންވާ ކަރަންޓްގެ ކޭބަލްތައް އަލުން ގުޅުމުގައި، ކާމިޔާބު ހޯދާފައެވެ.
ނިއުކްލިޔަރ ނުރައްކާތައް ކުރިމަތިވުމުގެ މައިގަނޑު ސަބަބަކީ ބިންހެލުންތަކާއި ސުނާމީގައި މިކޭބަލްތައް، 3 ރިއެކްޓަރަކުން ކަނޑައިގެން ދިޔުމާއެކު ފިނިކުރާ ނިޒާމުގެ މަސައްކަތް މުޅިން ހުއްޓުމަކަށް އައުމުންނެވެ.
އައި.އީ.އޭ.ގެ ވެރިޔާ ޔުކިޔޯ އަމާނޯ މިއަދު ހެނދުނުވަނީ ޖަޕާނަށް ވަޑައިގެންފައެވެ. (ނޫސްއެޖެންސީތައް)