10 Sep 2015, 14:09
ދިވެހިން ފައިސާގެ ގޮތުގައި ބޭނުން ކުރި ކުދި ބޮލި އަޅާފައި ހުރި 12 ވަނަ ގަރުނުގައި ބޭނުން ކުރި ފޮށްޓެއް އދ. ހަންޏާމީދޫ އިން އިއްޔެ ފެނިއްޖެ އެވެ.
އެ ފޮށި ފެނިފައި ވަނީ އެ ރަށު ގެއެއްގެ ގޯތި ތެރޭގައި ޖަންކްޝަނެއް ހެދުމަށް ވަޅެއް ކޮންނަނިކޮށް ދެ ފޫޓް އަޑިންނެވެ.
ހިރިގަލުން ހަދާފައިވާ އެ ފޮށީގެ ތެރޭގައި ވެލި އާނުން ހަދާފައިވާ ކުޑަގެރިއަކާއި ކުރިން ދިވެހިން ފައިސާ އަށް ބޭނުންކުރި ކުދި ބޮލީގެ ގާތްގަނޑަކަށް އެއް ކިލޯގެ ބޮލި ހުރި ކަމަށް ޑިޕާޓްމެންޓް އޮފް ހެރިޓޭޖުން ބުންޏެވެ. އެ ފޮށީގެ ފުޅާމިނުގައި ނުވަ އިންޗި އަދި އުސްމިނުގައި 11 އިންޗި ހުރިކަމަށް ހެރިޓޭޖުން ބުނެއެވެ.

އދ. ހަންޏާމީދޫ އިން އިއްޔެ ފެނުނު ފޮށި -- ފޮޓޯ: ޑިޕާޓްމެންޓް އޮފް ހެރިޓޭޖް
މި ފޮށްޓާއި ފޮށީގައި ހުރި ތަކެތި ހަންޏާމީދޫ ކައުންސިލުން ވަނީ ޑިޕާޓްމެންޓް އޮފް ހެރިޓޭޖާއި ހަވާލުކޮށްފަ އެވެ. އެ ތަކެތި މިހާރު ހުރީ ދާރުލްއާސާރުގަ އެވެ.
"ހަންޏާމީދޫ ކައުންސިލްގެ އިދާރާއިން އެތަކެތި މި ޑިޕާޓްމެންޓާއި ހަވާލުކުރައްވާފައި ވަނީ އެ ކައުންސިލްގެ އިދާރާގެ ފުރިހަމަ ބެއްލުވުމުގެ ދަށުން ވަރަށް ފަރުވާތެރި ކަމާއިއެކުގައިކަން ފާހަގަކޮށް ކައުންސިލަރުންނަށާއި ހަންޏާއިމީދޫގެ ރައްޔިތުންނަށް ޝުކުރު ދަންނަވަމެވެ." މި ކަމާއި ގުޅޭގޮތުން ޑިޕާޓްމެންޓް އޮފް ހެރިޓޭޖުން ނެރުނު ބަޔާނެއްގައި ވެއެވެ.