10 Sep 2015, 14:05
މައްޗަންގޮޅި އާއި މާފަންނުގައި އެޅުމަށް ސަރުކާރުން ނިންމާފައިވާ ފުޓްސަލް ދަނޑުތައް އެޅުމަށް މޯލްޑިވްސް ރޯޑް ޑިވޮލަޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)އާ ހަވާލުކޮށްފި އެވެ.
އެ ދަނޑުތައް އެޅުމަށް ދެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރު ވިދާޅުވީ މާލެއަކީ ބިމުގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ ތަނެއް ކަމަށާއި އެހެން ނަމަވެސް މިވަގުތައް ހައްލުތައް ގެނެސްގެން ނަމަވެސް ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ގާއިމުކޮށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު ތަސައްވަރެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މާލޭގައި ހުރި ހުސްބިންތަކުގައި އުސްކޮށް އިމާރާތްކޮށްގެން ނަމަވެސް އެހެނިހެން ކުޅިވަރުތަކަށް ވެސް ވަސީލަތްތައް ގާއިމުކުރައްވާނެ ކަމުގެ ޔަގީން އަރުވާ ކަމަށެވެ.
"ވަރަށް ބޮޑު ވިޝަންއެއް މާލޭގެ އެކި އެކި ދިމާގައި ހުރި ބިންތައް އުސްކޮށް އިމާރާތްކޮށް ނަގައިގެން ވެސް އެބިންތަކުން ކުޅިވަރަށް ބޭނުންވާ މުހިންމު ޖާގަ ހޯދައިދިނުން. މިއަދު އަޅުގަނޑުމެންނަށް މިސޮއި ކުރެވިގެން ދިޔަ ގޮތަށް އެހެން ކުޅިވަރުތަކައި ވެސް އެ ފުރުސަތުތައް ލިބިގެންދާނެ ކަމުގެ ޔަގީންކަން އަރުވަން،" މިނިސްތަރު ޒުހޫރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިދަނޑުތައް އެޅަނީ ކުރިން އެޅި ފުޓްސަލް ދަނޑުތަކަށް ވުރެ ފެންވަރު ރަނގަޅުކޮށް ކަމަށާއި އެގޮތުން މިއިން ކޮންމެ ދަނޑެއް އެޅުމަށް ގާތްގަނޑަކަށް ދެ މިލިއަން ރުފިޔާ ހޭދަވެގެންދާނެ ކަމަށެވެ. އެއީ ދަނޑުގެ ލައިޓިންއަށާއި ފެންސިންއަށާއި ކުރީގައި ޓައިލްސްގެ ބަދަލުގައި ޓާފް ވިނަ އެޅުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މައްޗަންގޮޅިއާއި މާފަންނުގައި އަޅާ ފުޓްސަލް ދަނޑު އެޅުމަށް ޔޫތު މިނިސްޓްރީއާއި އެމްއާރްޑީސީއާ ދެމެދު ސޮއި ކުރެވުނު އެއްބަސްވުން ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރު (ކ) ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
މައްޗަންގޮޅިގައި އަޅާ ދަނޑު އެޅަނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ބިއްދޮށުގައި ކުރީގެ ޔޫތު މިނިސްޓްރީގެ ބައެއް ހިންގި އިމަރާތް ހުރިތަން ކަމުގައިވާ 107 ނަންބަރު ކޮށީގައެވެ.
މާފަންނުގައި އަޅާ ދަނޑު އެޅުމަށް ހަމަޖެހިފައި ވަނީ އެސްޓީއޯ އާއި މަފަންނު މަދަރުސާ ދެމެދު އޮތް ހުސްބިމުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ޕޮރެޖެކްޓްގެ އެމްއޯޔޫގައި ޔޫތު މިނިސްޓްރީގެ ފަރާތުން ވަޒީރު ޒުހޫރު ސޮއި ކުރެއްވި އިރު އެމްއާރްޑިސީގެ ފަރާތުން ސޮއި ކުރެއްވީ އެކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނާޒީމް އެވެ.
ޔޫތު މިނިސްޓްރީ އިން ވަނީ 22 ރަށެއްގައި ފުޓްސަލް ދަނޑު އަޅައި 82 ރަށެއްގައި ބަށި ކޯޓް އެޅުމަށް މިދޔަ މަހުގެ 27 ވަނަ ދުވަހު އެމްއާރްޑީސީއާ ހަވާލުކޮށްފަ އެވެ.