18 Mar 2011, 13:57
މިދިޔަ ހުކުރު ދުވަހު ޖަޕާނަށް އައި ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީ އާ ގުޅިގެން ހާލުގައި ޖެހިފައިވާ ޖަޕާނަށް، މި ހާލަތުގައި ދިވެހި ރައްޔިތުންގެ ފަރާތުން ވެދެވެން އޮތް އެހީއެއް ވެދިނުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
ކޮންމެ ހުކުރު ދުވަހަކު ވެސް ދެއްވާ ހަފްތާގެ ރޭޑިއޯ ޚިތޯބުގައި ޖަޕާނަށް މިއަދު ކުރިމަތިވެފައިވާ ހިތާމަވެރި ހާލާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ޖަޕާނަކީ ވަރަށް ކުރިއްސުރެ ފެށިގެން ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ އަދި ރާއްޖޭގެ ތަރައްޤީގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ޤައުމެއް ކަމަށެވެ. އަދި ރާއްޖެ އަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި ވެސް އެންމެ ފުރަތަމަ އެހީތެރިވެދޭ ޤައުމުތަކުގެ ތެރޭގައި ޖަޕާނު ހިމެނޭ އިރު ސުނާމީ ކާރިސާގައި ޖަޕާނުން ރާއްޖެ އަށް ވެދިން އެހީތަކަކީ ވެސް، ހަނދާންކުރަން ޖެހޭ އެހިތަކެއް ކަމަށެވެ.
ޖަޕާނަށް މި ދިމާވި ބޮޑު ހިތާމައިގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރި ވަމުންދާ ކަން ފާހަގަ ކުރަމުން ރައީސް ވިދާޅުވީ މި ހާލަތުގައި ޖަޕާނު ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ ފަރާތުން ވެދެވެން އޮތް އެހީއެއް ވެދިނުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
"މާލޭ ސިޓީ ކައުންސިލުގެ އިސް ނެންގެވުމުގެ މަތިން، "ޖަޕާނާ އެކު ދިވެހިން" މި ޝިޢާރުގެ ދަށުން ޖަޕާނު ރައްޔިތުންނާ އެކު ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމު އޮތްކަން އަންގައިދިނުމަށްޓަކައި ހިންގާ މި ހަރަކާތަކީ، ޖަޕާނުގެ ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ ފަރާތުން ވެދެވެން އޮތް އެހީއެއްވުމަށް ހިންގާ ހަރަކާތެއް. ރާއްޖެއަކީ ކުޑަ ޤައުމެއް. ނަމަވެސް، މި ހާލަތުގައި ޖަޕާނު ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ ފަރާތުން ވެދެވެން އޮތް އެހީއެއް ވެދިނުމަކީ، އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމު ކަމެއް. އެހެންކަމުން، މި ހަރަކާތުގައި ރާއްޖޭގެ ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވެވަޑައިގެން ދެއްވުމަކީ، އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް." ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ދިހަ ހާސް ހައުސިންގ ޔުނިޓްގެ މަޝްރޫޢުގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބާ ބެހޭ ގޮތުން ރައީސް ވިދާޅުވީ މިއަދާ ހަމައަށް 4710 ހައުސިން ޔުނިޓް އެޅުމަށް ކޮންޓްރެކްޓް ކުރެވި، އޭގެތެރެއިން 1780 ހައުސިން ޔުނިޓް އެޅުމުގެ ޢަމަލީ މަސައްކަތް މިހާރު ހިނގަމުންދާ ކަމީ އުފާކުރައްވާ ކަމެއް ކަމަށެވެ.