ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ކަމުގައިވިޔަސް ކުޅިވަރުގެ ރޮނގުގައި ބޮޑެތި ގައުމުތަކުގެ މައްޗަށް ކާމިޔާބު ހޯދުމަކީ ނުކުރެވޭނެ ކަމެއް ނޫން ކަމަށް ނައިބު ރައީސް އަޙްމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ކުޅިވަރުގެ ރޮނގުގައި ވަނަތައް ހޯދާ ސްކޫލްތަކުގެގެ ދަރިވަރުންނަށް ދޭ 'މައިލޯ ކަލާސް އެވޯޑް' ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރޭ އެވޯޑް ހޯދި ދަރިވަރުންނަކީ ކުޅިވަރުގެ ރޮނގުން ކުރިއަށް ދިއުމުގެ ގާބިލްކަން ހުރި ކުދިން ކަމަށެވެ. އެ ކުދިންގެ ހުނަރު އިތުރަށް ތަރައްޤީ ކުރުމަށް ގޮތްތަކެއް ހޯދައިދީ ފުރުސަތުތައް ފަހިކޮށް ކުޅިވަރުގެ ރޮނގުން އުސްމިންތަކަށް ގެންގޮސްދިނުމަށް ސަރުކާރުން އޮތީ ތައްޔާރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ގައުމު ކިތަންމެ ކުޑަޔަސް. އަލުގަނޑުމެންގެ ވަސީލަތްތައް ކިތަންމެ މަދުވިޔަސް ބޮޑު ގައުމުތަކުގެ މައްޗަށް ކުޅިވަރުގެ މައިދާނުގައި ކުރި ހޯދުން އެއީ ތިޔަފަދަ ހުނަރުވެރި އަޒުމު ވަރުގަދަ ކުޅިވަރުގެ ދާއިރާގައި ވަނަތައް ހޯދަމުން އަންނަ ކުދިންތަކަކަށް ނުކުރެވޭނެ ކަމެއް ނޫން،" ދަރިވަރުންނާ މުޚާތަބު ކުރައްވައި އަދީބު ވިދާޅުވިއެވެ.

އެމަނިކުފާން ވިދާޅުވީ އެކަން ކުރުމަށް ބޭނުން ވަނީ ނުގުޑާ ފަދަ އަޒުމާއި ހިތްވަރައި ބުރަ މަސައްކަތް ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ކުޅިވަރަކީ އަހްލާގައި ކެތްތެރިކަމާއި ގުރުބާނީތަކުން ކުރެވޭނެ ކަމެއް ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ މިދިޔަ މަހު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ދުވުންތެރިޔާ ޙަސަން ސާއިދުގެ މިސާލު ނަންގަވައިގެން ކުޅިވަރުގެ ރޮނގުގައި ގައުމަށް ރީތި ނަން ހޯދައިދިނުމުގެ އަޒުމު ކަނޑައެޅުމަށް އިލްތިމާސް ކުރައްވާފައެވެ.

"އާދެ 100 މީޓަރުގެ އެ ދިހަ ސިކުންތައްޓަކައި އެތަށް ބޮޑު ގުރުބާނީއެއްވެ ދެއަހަރު ދުވަހުގެ ސްކޮލަޝިޕެއްގައި ޖަމައިކާއަށްގޮސް ކޮންމެ ދުވަހަކު ދެ ދަޅައަށް ދުވެ އެތައް ވަރުބަލި ކަމެއް މަތީގައި ދުވެ. ޕްރެކްޓިސްކޮށް އެ ކެތްތެރި ކަމަކީ މިއަދު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ހުރީހާ ގައުމެއްގެ ތެރެއިން 100 މީޓަރު އެނިންމާލީ ގޯލްޑް މެޑަލަކުން" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވަނީ ސާއިދަކީ ގައުމީ ބަތަލެއް ކަމަށް ވިދާޅުވެފަ އެވެ.