14:30


ކ. މާފުށީ ޖަލުގެ ސެކިއުރިޓީންނާއި ކުށްވެރިންނާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ބައެއް މީހުންނަށް އަނިޔާވެއްޖެ އެވެ.


ޖަލުން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ ރޭ ބާރަޖަހާކަންހާއިރު މި ހަމަނުޖެހުން ހިނގީ، ކުށްވެރިން ޔާޑަށް ނެރެ އެމީހުންގެ ތެރެއިން ބަޔަކު ގެންދިއުމަށް މަސައްކަތްކުރުމުން ދެފަރާތުގެ ދެމެދުގައި ދެބަސްވުން ހިނގައިގެން ކަމަށެވެ. އަދި މި ހާދިސާގައި މުގުރު ބޭނުންކޮށްގެންނާއި، އެކި ގޮތްގޮތުން ކުށްވެރިންނަށް އަނިޔާކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެ ހާދިސާގައި އަނިޔާވި ކަމަށް ބުނާ ބައެއްގެ ފޮޓޯތަކެއް ވެސް ސަންއެފްއެމަށް ވަނީ ލިބިފަ އެވެ.


މިކަމާ ގުޅިގެއް ޑީޕީއާރުއެސްގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ، ކުށްވެރިންނަށް ކާންދިނުމަށް އޮފިސަރަކު ވަނުމުން އޭނާ ރަހީނުކުރުމަށް ކުށްވެރިން މަސައްކަތް ކުރުމާ ގުޅިގެން ޖަލުތެރެ ރޭ ހަލަބޮލިވި ކަމަށެވެ. ނަމަވެސް އިތުރު ފަރާތެއްގެ އެހީއަކާ ނުލައި އެކަން ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި އެކަމާ ގުޅިގެން އެއްވެސް ކުށްވެރިއަކަށް އަނިޔާވިކަން އެނގިވަޑައިގެންފައިނުވާ ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ. އަދި އެ މައްސަލައިގެ ފުރިހަމަ މައުލޫމާތު ލިބިވަޑައިގަންނަވާނީ، ހާދިސާ ރިޕޯޓް ލިބުމުން ކަމަށާއި އެ ރިޕޯޓް އަދި ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ރޭގެ ހާދިސާގައި އަނިޔާވި ބައެއް ގައިދީން އައިޖީއެމްއެޗަށް ގެންދިޔަކަމުގެ މައުލޫމާތު ލިބިފައިވީ ނަމަވެސް އައިޖީއެމްއެޗުގެ ޕަބްލިކް ރިލޭޝަނުން ބުނީ އެފަދަ ބަޔަކު ހޮސްޕިޓަލަށް ގެންދިޔަކަން އެނގިފައިނުވާ ކަމަށެވެ. އެކަމާ ގުޅިގެން ރަޝީދު ވިދާޅުވީ، ކޮންމެ ދުވަހަކު ވެސް ޑޮކްޓަރަށް ދައްކަން ވިއްސާއި ފަންސަވީހާ ދެމެދުގެ އަދަދަކަށް ގައިދީން މާލެއަށް ގެންނަ ކަމަށެވެ. އަދި އެ ހާދިސާއާ އެކަމާ ގުޅުވައިލީ ކަމަށް ބެލެވޭ ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.