މި އަހަރު ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރުވުމާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުގެ ޖޮބް ފެއާއެއް ބާއްވަން ނިންމައިފި އެވެ.

ރާއްޖޭގައި މިހާތަނަށް ބާއްވާ ފަތުރުވެރިކަމުގެ ފުރަތަމަ ޖޮބް ފެއާ ބާއްވަނީ ޓޫރިޒަމް މިނިސްޓްރީން އިންތިޒާމުކޮށްގެންނެވެ. އެ ފެއާގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ލިބޭނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޖޮބް ފެއާ ބާއްވަން ހަމަޖައްސާފައި ވަނީ އޮކްޓޯބަރު 15 އިން 17 ވަނަ ދުވަހުގެ ނިޔަލަށް ނޭޝަނަލް އާޓް ގެލަރީގައި ކަމަށެވެ.

އެ މިނިސްޓްރީން ވަނީ ޖޮބް ފެއާގެ ބައެއް ކަންކަން ރާވައި އިންތިޒާމު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށް އިއުލާނުކޮށްފަ އެވެ.

އެގޮތުން ޖޮބް ފެއާގެ 30 ސްޓޯލް ޖަހައިދިނުން އަދި ރޫޅާލުމާއި ސައުންޑް އަދި ލައިޓްސް ސިސްޓަމްގެ ކަންކަމާއި ހުޅުވުމުގެ ރަސްމިއްޔާތު އިންތިޒާމުކޮށް ރާވާނެ ފަރާތަކާއި ފޮޓޯ ނެގުމުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދަން އެ މިނިސްޓްރީން ގެޒެޓްކޮށްފައިވާ އިއުލާނުގައިވެ އެވެ.

އެކަންކަން ކޮށްދެއްވަން ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 16 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 10:00 އަށް އެ މިނިސްޓްރީއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 21 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 14:00އަށް އަންދާސީހިސާބު ހުށަހެޅުމަށް އެ މިނިސްޓްރީން އެދެއެވެ.