މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ. ގެ އާ މުއާހަދާގެ ދަށުން ރާއްޖެއިން ކުރުމަށް ހުށަހަޅާ ކަންތައްތަކުގެ އެކްޝަން ޕްލޭން، އިންޓެންޑް ނޭޝަނަލީ ޑިޓާމައިންޑް ކޮންޓްރިބިއުޝަން (އައިއެންޑީސީ)އާާ ބެހޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

މިއަދު ސްޓެލްކޯގައި ކުރިއަށް ދިޔަ މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

މިއަދު ސްޓެލްކޯ އޮޑިޓޯރިއަމްގައި ބޭއްވި އެ ބައްދަލުވުން އިފްތިތާހު ކޮށްދެއްވާފައި ވަނީ އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މަޖީދެވެ.

މިއަދުގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަޖީދު ވިދާޅުވީ 2020 ވަނަ އަހަރަށްފަހު އަމަލު ކުރުމަށް މިހާރު އެކުލަވާލަމުން ގެންދާ އެކްޝަން ޕްލޭން ތައްޔާރު ކުރާނީ 2020 އިން ފެށިގެން 2030 ގެ ނިޔަލަށް ބޭނުން ކުރެވޭގޮތަށް ކަމަށެވެ.

"ބައެއް ގައުމުތަކުގައި އެކްޝަން ޕްލޭން ތައްޔާރު ކުރާނީ ފަސް އަހަރުގެ މުއްދަތައް. މިސާލަކަށް އެއްބައި ގައުމުތަކުން ތައްޔާރު ކުރާ އެކްޝަން ޕްލޭން އިންނާނީ 2020 އިން ފެށިގެން 2025 އަށް،" މަޖީދު ވިދާޅުވިއެވެ.

ތިމާވެށްޓާ ގުޅޭގޮތުން ތައްޔާރު ކުރާ މަގުޗާޓެއް ގޮތަށް އެކުލަވާލާ އެކްޝަން ޕްެލޭން މިއަހަރުގެ ފަހުކޮޅުގައި ހުށަހަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ސްޓެލްކޯގައި ކުރިއަށް ދިޔަ މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

މަޖީދު ވިދާޅުވީ މިހާތަނަށް ދުނިޔޭގެ 56 ގައުމަކުން އެފަދަ އެކްޝަން ޕްލޭނެއް އެކުލަވާލުމަށް ހުށަހަޅާފައި ކަމަށެވެ.

ރާއްޖޭގެ ފަރާތުން ތައާރަފުކޮށްފައި އައިއެންޑީސީ ގައި މޫސުމަށް އަންނަ ބަދަލުތައް މެދުވެރިކުރުވާ ވިހަ ގޭސްތައް މަދުކުރުމާއި ލިބޭނެ ގެއްލުންތައް ކުޑަކުރުމަށް އަޅާނެ އެޑެޕްޓޭޝަން ފިޔަވަޅުތައް ހުންނާނެއެވެ.

ތިމާވެށީގެ މަގުޗާޓެއް އެކުލަވާލާއިރު އެއާ ބެހޭގޮތުން ގިނަ ބައެއްގެ މަޝްވާރާއާ ހިޔާލު ބޭނުންވާ ކަމަށް ސްޓޭޓު މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ތިމާވެށީގެ ދާއިރާ އާ ގުޅޭ 25 އަށް ވުރެ ގިނަ މީހުން މިއަދުގެ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވި އެވެ.