10 Sep 2015, 10:40
އިނގިރޭސިވިލާތުގެ 12 އަހަރުގެ ކުއްޖެއްގެ ވިސްނުން އަލްބާޓް އައިންސްޓައިން ވުރެ ކުޅަދާނަ ކަމަށް ދައްކައިފި އެވެ.
ލީޑިއާ ސިބޭޝަން ވަނީ އައިކިއު ބެލުމަށް ހަދާ ޓެސްޓެއް ކަމަށްވާ މެންސާ ޓެސްޓުން 162 މާކްސް ހޯދާފަ އެވެ. އެއީ އެ ޓެސްޓުން ލިބޭ ފުލް މާކްސް އެވެ.
ސީއެންއެން އާ ވާހަކަ ދައްކަމުން ލީޑިއާ ބުނީ އެ ޓެސްޓް އޭނާ ހީކުރިވަރަށް ވުރެ ފަސޭހަ ކަމަށެވެ.
"ޓެސްޓް ހަދަން ފެށުމުގެ ކުރިން ވަރަށް ހާސްވެފައި ހުރީ. އަހަރެން ހީކުރީ ވަރަށް އުނދަގޫ ވާނެ ކަމަށް. އެހެންނަމަވެސް ލިޔަފެށުމުން އަހަރެން އެނގުނީ އަސްލު ހީކުރިވަރަށް ވުރެ ފަސޭހަކަން." އާއްމުކޮށް އުނދަގޫ ކަމަށް ބުނާ ޓެސްޓާ ބެހޭ ގޮތުން ލީޑީއާ ބުންޏެވެ.
އަލްބައިޓް އައިންސްޓައިން އާއި ސްޓެފަންހޯކިން އަށްވުރެ މަތިން މާކްސް ލިބުމުން ކުރެވެނީ ކޮން ސީއެންއެންގެ ޕްރެޒެންޓަރަކު ކީކޭތޯ ސުވާލުކުރުމުން އޭނާ ބުނީ އެފަދަ މޮޅެތި މީހުންނާއި އަޅާކިއިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
ލީޑިއާ ޓެސްޓް ހަދާފައި ވަނީ އޭނާ އަމިއްލަ އަށް އޭނާގަ މައިންބަފައިން ކައިރީގައި ބުނެގެންނެވެ. ލީޑިއާ ބުނީ އޭނާގެ އައިކިއު ބަލާލަން ބޭނުންވީ ކަމަށެވެ.
ޓެސްޓް ނިންމަން 2 ގަޑިއިރާއި 30 މިނިޓް ހޭދަވި އޭނާ ބުންޏެވެ.
ލީޑިއާ ބުނީ އޭނާ ބޭނުންވާ ކުރިއަށް އޮތްތަނުގައި ވެސް ވަރަށް ބުރަކޮށް ކިޔެވުމަށް މަސައްކަތް ކުރަން ކަމަށެވެ.