ސަރުކާރުގެ ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ކޮއްކޯފުޅު އަބްދުﷲ އަލްގީންގެ މައްޗަށް އުފުލި ދައުވާ ސާބިތުނުވާ ކަމަށް ދަށު ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

ޚިޔާނާތުގެ ދައުވާ، އަލްގީންގެ މައްޗަށް އުފުލާފައި ވަނީ ޖަޕާނުގެ އެޖެންސީއެއް ކަމަށްވާ ޖަޕާން އެޖެންސީ ފޮ މެރިން އާތު ސައިންސް އެންޑް ޓެކްނޮލޮޖީ (ޖެމްސްޓެކް)އާއި ޑިޕާޓްމަންޓު އޮފް މީޓިއޮރޮލޮޖީ ގުޅިގެން ރާއްޖޭގައި މޫސުމާ ބެހޭ ދިރާސާއެއް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށް، އެއްބަސްވުމާ ޚިލާފަށް އެ އެއްބަސްވުމުގެ ދަށުން ސަރުކާރަށް ލިބެން ޖެހޭ ފައިސާ އަލްގީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރައްވާފައިވާތީ ކަމަށް ބުނެ އެވެ.

ހިޔާނާތުގެ ދައުވާ އަލްގީންގެ މައްޗަށް ސާބިތު ނުވާ ކަމަށް ކްރިމިނަކް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ދައުވާގެ އަސްލަށް އަލްގީން އިންކާރުކޮށްފައިވާ ކަމަށާއި ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި އެއްވެސް ލިއުމެއްގައި އެ ފައިސާއަކީ މީޓީއޮރޮލޮޖީގެ އެކައުންޓަށް ޖަމާވާން ޖެހޭ ފައިސާއެއް ކަމަށް ބަޔާންކޮށްފައި ނުވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދުކޮށް ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ އަލްގީންގެ އެކައުންޓަށް އެފައިސާ ޖަމާކޮށްފައި ވަނީ ޖެމެސްޓިކުން ބުނެގެންކަން އަލްގީންގެ ފަރާޓުން ހުށަހެޅި ހެކިބަހުން އެނގެން އޮއްނަ ކަމަށެވެ.

އަލްގީނުގެ މައްޗަށް ހިޔާނާތުގެ ދައުވާ އުފުލާފައިވާއިރު އެދައުވާ ސާބިތު ކުރުމަށް ދައުލަތުން އެކަށީގެންވާ ހެކި ހުށަހަޅާފައި ނުވާ ކަމަށް ވެސް ހައިކޯޓުން ވަނީ ފާހަގަކޮށްފަ އެވެ.

އަލްގީގެ އެކައުންޓަށް ޖެމްސްޓެކުން ޖަމާކުރި ފައިސާ އަކީ ޖެމްސްޓެކުން ސަރުކާރަށް ދައްކަން ޖެހޭ ފައިސާއެއްކަން ދައުލަތުން ޝަރީއަތަށް ސާބިތުކޮށްދެވިފައިވެސް ނުވާ ކަމަށް ހުކުމުގައިވެ އެވެ.

އެހެންކަމުން ދައުލަތުން އަލްގީންގެ މައްޗަށް ހުށަހަޅާފައިވަ ހިޔާނާތުގެ ދައުވާ އެކަށީގެންވާ މިންގަނޑަށް އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވެ އެވެ.

ހިޔާނާތުގެ ދައުވާ އަލްގީންގެ މައްޗަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް އެއްވެސް ބަދަލެއް ގެންނާނެ ތަނެއް ނެތް ކަމަށް ހައިކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ފަނޑީޔާރު ސުޖާއު އުސްމާން އިސްފަނޑިޔާރުކަން ކުރެއްވި އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަލީ ސަމީރު އާއި ފަނޑިޔާރު އަބްދުﷲ ހަމީދު އެވެ.