17 Mar 2011, 23:37
މީހުންނަށް ތޫނު ހަތިޔާރުން ހަމަލާދިނުމާއި އެފަދަ ނޭދެވޭ ޢަމަލުތައް ހުއްޓުވަން ހުރިހާ ފަރާތަކުން މަސައްކަތް ކޮށް، އެއްބާރުލު ދިނުމަށް ފުލުހުން ގޮވާލައިފި އެވެ.
"ތޫނު ހަތިޔާރުން މީސް މީހުންނަށް ޙަމަލާދިނުމާއި މުޖްތަމަޢުގައި ހިނގާ މިފަދަ ނޭދެވޭ ޢަމަލުތައް ހުއްޓުވުމުގައި އެންމެހާ ފަރާތްތަކުން މަސައްކަތް ކޮށްދެއްވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އިލްތިމާސްކުރަމެވެ. ހަމައެއާއެކު ޢާއްމު ރައްޔިތުންގެ ފަރާތުން މިފަދަ ކަންކަމުގައި ފުލުހުންނަށް ދެއްވާ އެއްބާރުލުމާއި އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރަމެވެ،" ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެ އެވެ.
ނޫސްބަޔާނުގައި ބުނަނީ ރޭ ދަންވަރު ގާތްގަނޑަކަށް 3:30 ހާއިރު މަޖީދީމަގު އަލިކިލެގެ ފާނުމަގު ޓްރެފިކް ލައިޓް ކައިރީ ހިނގި މާރާމާރީގައި ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމުން ފަރުވާދެމުން ދަނިކޮށް ސ. ހިތަދޫ، ވަރުދީގޭ އަހުޝަން ބަޝީރު21، މަރުވި، މަރުގެ ހާދިސާގެ މައްޗަށްވެސް ފުލުހުންގެ ނޫސްބަޔާނުގައި އަލި އަޅުވާލާފައިވެއެވެ. ބުނެފައި ވަނީ ރޭގެ މާރާމާރީ ހިންގުމުގައި ބައިވެރިވި މީހުންގެ ތެރޭގައި މީގެކުރިން މީހަކު މެރުމުގެ ކުށުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި ގ. ކޯޒީ، އިބްރާހިމް ޝަހުމް ބައިވެރިވިކަމަށް ތުހުމަތުކުރޭ ކަމަށެވެ.
"... މީނާއަކީ މީހަކު މެރުމުގެ ކުށުގައި ތުހުމަތުކުރެވިގެން 24 އޮގަސްޓް 2010 ގައި ހައްޔަރުކުރެވި ތަހުގީގު ކުރުމަށްފަހު އެކަށީގެންވާ ހެކިތަކާއެކު މީނާގެ މައްސަލަ ކޯޓައް ހުށަހަޅާ، މީނާއަކީ މުޖްތަމަޢުގައި ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ މީހަކަށް ތުހުމަތުކުރެވޭތީ ތަކުރާރުކޮށް ބަންދުގައި ބެހެއްޓުމަށް އެދެމުންދަނިކޮށް ކޯޓުން ވަނީ މީނާ އިތުރަށް ހައްޔަރުގައި ބެހެއްޓުމަށް ނުފެންނާތީ، 17 ފެބުރުއަރީ 2011 ދޫކޮށްލައިފައެވެ. މިމައްސަލަ 20 ފެބްރުއަރީ 2011 ގައި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް މެދުވެރިކޮށް ފުލުހުން ވަނީ އިސްތިއުނާފްކޮށްފައެވެ،" ބަޔާނުގައި ވެއެވެ.
ފުލުހުންގެ ބަޔާނުގައި ބުނަނީ މަރުގެ މިހާދިސާގެ މައްޗަށް ފުލުހުން ވަރަށް ކަންބޮޑުވާ ކަމަށައި މިފަދަ ސީރިއަސް ކުށްތައް މަދުކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެށް އަޅާނެ ކަމަށެވެ. އަދި މިފަދަ ޢަމަލުތައްކުރާ ފަރާތްތައް އިންޞާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ ކަންކަން ފަސްޖެހުމެއްނެތި ކުރާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.