10 Sep 2015, 09:22
ބްރަސަލްސް (ސެޕްޓެމްބަރު 10) : މި އަހަރު ޖަނަވަރީން ފެށިގެން މިހާތަނަށް ދުނިޔޭގެ އެކި ގައުމުތަކުން ބައި މިލިޔަން ރެފިއުޖީން ޔޫރަޕްގެ ގައުމުތަކުން ބަލައިގެންފައިވާނެ ކަމަށް ޔުރަޕިޔަން ކޮމިޝަންގެ ރައީސް ޖާން ކްލޯޑް ޔުންކަރު ވިދާޅުވެއްޖެ އެވެ.
ޔޫރަޕިޔަން ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން ޔުންކަރު ވިދާޅުވީ މީގެތެރޭގައި ގިނައީ އެފްރިކާގެ ގައުމުތަކުގެ ރެފިއުޖީންނާއި ސޫރިޔާއާއި ފަލަސްތީނާއި އަފްޣާނިސްތާނު ފަދަ ހަނގުރާމަ ހިނގާ ގައުމުތަކުގެ ރެފިއުޖީން ކަމުގަ އެވެ. ޔުންކަރުވަނީ ޔޫރަޕަށް ހިޖްރަކުރާ ރެފިއުޖީންނާ ހަވާލުވުމުގެ ޒިންމާ ޔޫރަޕްގެ ހުރިހާ ގައުމުތަކެއް އެއްވަރަކަށް އުފުލުމަށް ގޮވާލައްވާފަ އެވެ. ނަމަވެސް މިހާރު ފެންނަގޮތުން ރެފިއުޖީންގ ޒިންމާ ބޮޑަށް އުފުލަނީ ޖަރުމަނާއި އޮސްޓްރިޔާއާއި ނޯވޭ ފަދަ ގައުމުތަކުންނެވެ.
މިފަހަކަށް އައިސް ޔޫރަޕަށް ހިޖްރަކުރާ ގިނަ ރެފިއުޖީންނަކީ ސޫރިޔާގެ ރެފިއުޖީންނެވެ. ޔުންކަރު ވިދާޅުވި ގޮތުގައި މިހާރު ވެސް އިޓަލީގައި ދެލައްކަ ރެފިއުޖީން ހަންގެރީގައި ދޮޅު އެއްލައްކަ ރެފިއުޖީން އަދި އިޓަލީގައި އެއްލައްކަ ވިހިހާސް ރެފިއުޖީން ހަވާލުވާނެ ގައުމެއްގެ އިންތިޒާރުގައި އެބަތިއްބެވެ. މިހުރިހާ މީހުންނާމެދު ވެސް ޔޫރަޕުން މުއާމަލާތް ކުރަންޖެހޭނީ އިންސާނީ ކަރާމާތާ އެކުގައި ކަމަށާ މިއެންމެން ވެސް ޔޫރަޕްގެ ގައުމުތަކުން ބަލައިގަންނަން ޖެހޭނެ ކަމަށް ޔުންކަރު ވިދާޅުވި އެވެ. މިހާ ގިނަ އަދަދަކަށް ރެފިއުޖީން ޔޫރަޕަށް ހިޖްރަކުރި ނަމަވެސް އެއީ ލުބްނާނާއި އުރުދުން ފަދަ ގައުމުތަކުން ރެފިއުޖީން ބަލައިގެންފައިވާ ނިސްބަތަށް ބަލާއިރު ވަރަށް މަދުއަދަދެއްކަން ޔުންކަރު ފާހަގަ ކުރެއްވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޔޫރަޕްގައި ރެފިއުޖީންގެ ނިސްބަތަކީ އަދި ވެސް މުޅި ޔޫރަޕްގެ އާބާދީއަށް ބަލާއިރު އާބާދީގެ 0،11 އިންސައްތަ އެވެ. ނަމަވެސް ލުބްނާނުގައި ރެފިއުޖީންގެ ނިސްބަތް އުޅެނީ 25 އިންސައްތާގައެވެ. އެއީ ލުބްނާނުގެ ކޮންމެ 25 މީހަކަށް ރެފިއުޖީއެކެވެ. ލުބްނާނުގައި ގިނައީ ފަލަސްތީނުގެ ރެފިއުޖީންނެވެ. އަދި އުރުދުންގައި ރެފިއުޖީންގެ އިންސައްތަ އުޅެނީ މިއަށްވުރެ ވެސް މަތީގަ އެވެ. އުރުދުންގެ އާބާދީގެ ގާތްގަނޑަކަށް 30 އިންސައްތަ މީހުންނަކީ ފަލަސްތީނުގެ ރައްޔިތުންނެވެ. މީގެ އިތުރުން ސޫރިޔާގެ ރެފިއުޖީންގެ މިލިޔަނަކަށް ވުރެ ގިނަ މީހުން ވެސް އުރުދުންގައި ވަގުތީ ފޭލިގެތަކުގައި ދިރިއުޅެ އެވެ. (ނޫސްއެޖެންސީތައް)