10 Sep 2015, 01:12
ސިޔާސީ ޕާޓީއެއްގެ އެންމެ އިސް މަގާމުގައި ހުންނަވާ ބޭފުޅަކީ ވަރަށް ގިނަގުނަ ޒިންމާތަކެއް އުފުލަންޖެހޭ އަދި ވަރަށް ބުރަކޮށް ގިނަ ވަގުތު މަސައްކަތް ކުރައްވަންޖެހޭ ބޭފުޅަކަށްވާއިރު، 65 އަހަރުން މަތީގެ ބޭފުޅަކަށް އެފަދަ ޒިންމާއެއް ނަންގަވައި އެފަދަ ބުރަ މަސައްކަތްތަކެއް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރެވޭނެ ކަމަށް ނުދެކޭ ކަމަށް ޕީޕީއެމްގެ ގަލޮޅު އުތުރު ދާއިރާގެ ގޮފިން ބުނެފިއެވެ.
ޕީޕީއެމްގެ ގަލޮޅު އުތުރު ދާއިރާގެ ގޮފި، ގަލޮޅު ރާސްޓަސް ގޮފީގެ ރައީސް އިހުސާން ހުސައިން ސޮއިކުރައްވައި މިއަދު ނެރުނު ބަޔާނެއްގައި ވަނީ ސިޔާސީ ޕާޓީތަކުގެ އެންމެ އިސް މަގާމް ފުރުއްވާ ބޭފުޅެއްގެ އުމުރަކީ 65 އަހަރު ކަމުގައި ހަމަޖެއްސުމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ އިސްލާހަކީ މިވަގުތު ވަރަށް މުހިންމު އިސްލާހެއް ކަމަށެވެ.
އެ ބަޔާނުގައި ވަނީ ރިޔާސީ ނިޒާމެއްގައި ޕާޓީގެ ޓިކެޓުގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ސިޔާސަތުތައް އެންމެ ފުޅާދާއިރާއެއްގައި ޕާޓީގެ ތެރޭގައި ހިންގުމުގެ ފުރުސަތު ޕާޓީގެ ތެރެއިން އެއިރެއްގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާއަކަށް އެންމެ ފުރިހަމަގޮތުގައި ލިބެންޖެހޭ ކަމަށެވެ.

ޕީޕީއެމްގެ ގަލޮޅު އުތުރު ދާއިރާގެ ގޮފި، ގަލޮޅު ރާސްޓަސް ގޮފީގެ ރައީސް އިހުސާން ހުސައިން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ސަލާން ކުރައްވަނީ ----
އެހެންކަމުން ޕީޕީއެމްގެ ރައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެނައުމަށްޓަކައި އެ ގޮފީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ގޮވާލާ ކަމަށް އެ ބަޔާނުގައި ވެއެވެ.
"ޕީޕީއެމްގެ މިވީ ފަސް އަހަރުގެ މުއްދަތުގައި އެންމެ ފުރަތަމަ ގަލޮޅު އުތުރު ދާއިރާ އިން ރަޖިސްޓްރީ ކުރެވުނު ގޮފީގެ ހައިސިއްޔަތުން އަޅުގަނޑުމެން ތާއީދު ކުރަނީ 2018 ގައި ވެސް މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ދެވަނަ ދައުރެއް އަދާކުރުމުގެ ފުރުސަތު ދެއްވުމެވެ،" އެ ބަޔާނުގައި ވެއެވެ.
ރައީސް ޔާމީން 2018 ވަނަ އަހަރު ވެސް ރާއްޖޭގެ ރައީސް ކަމުގައި ބެހެއްޓުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހްމަދު އަދީބު އަބްދުލް ޣަފޫރު ފައްޓަވާފައިވާ މަސައްކަތްތަކަށްޓަކައި އެ ގޮފިން ވަނީ އެ ދެ ބޭފުޅުންނަށް ޝުކުރު ދަންނަވާފައެވެ.
މީގެ ދުވަސްތަކެއް ކުރިން ޕީޕީއެމްގެ މައްޗަންގޯޅި ދެކުނު ދާއިރާގެ ގޮފިން ވެސް ވަނީ މިފަދަ ބަޔާނެއް ނެރެފައެވެ.