މިދިއަ އަހަރު 512,022,712 ރުފިޔާގެ ތަފާތު ޕްރޮޖެކްޓްތަކާއި މިނިސްޓްރީގެ ދާއިރާގައި ހިމެނޭ ތަންތަނުން 53,798,839 ރުފިޔާގެ ތަފާތު ޕްރޮޖެކްޓްތައް ހިންގާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

މިނިސޓްރީން ބުނާ މި ދެ އަދަދާއެކު ހައުސިން މިނިސްޓްރީންނާއި އެ މިނިސްޓްރީއާ ގުޅިފައިވާ ދާއިރާތަކުން ޖުމްލަ 565,821,551ރ. ( ފައްސަތޭކަ ފަސްދޮޅަސް ފަސް މިލިއަން އަށް ލައްކަ އެކާވީސް ހާސް ފައްސަތޭކަ ފަންސާސް އެއް ރުފިޔާ) ގެ އަގު ހުރި ޕްރޮޖްކެޓްތައް ވަނީ އެ މިނިސްޓްރީން ހިންގައިފަ އެވެ.

މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ވޭތުވެދިޔަ 2010 ވަނަ އަހަރު މާލޭގައި 1500 ހައުސިންގް ޔުނިޓާއި އަތޮޅުތަކުގެ ތަފާތު ސަރަޙައްދުތަކުގައި ޖުމްލަ 458 ހައުސިންގް ޔުނިޓް އެޅުމުގެ މަސައްކަތް މިނިސްޓްރީން ކޮށްފައިވާ ކަމަށާއި ސުނާމީ ކާރިސާ އާއި ގުޅިގެން 421 ހައުސިންގް ޔުނިޓް އެޅުމުގެ ތިން މަޝްރޫއެއް ހިންގާފައިވާ ކަމަށެވެ.

މިނިސްޓްރީން ސަން އާ ހިއްސާކުރި މައުލޫމާތުތަކެއްގައި ބުނާ ގޮތުގައި ތިމާވެށީގެ ދާއިރާއިން 20 ޕްރޮޖެކްޓާއި ފެނާއި ނަރުދަމާގެ ދާއިރާއިން 16 ޕްރޮޖެކްޓާއި ހަކަތައިގެ ދާއިރާއިން ތިން ޕްރޮޖެކްޓާއި ހެޔޮގޮތުގައި ބިން ބޭނުން ކުރުމުގެ އަށް ޕްރޮޖެކްޓާއި އަތޮޅުތަކުގެ ތަފާތު އެކި ސަރަޙައްދުގައި ބަނދަރު ހެދުމާއި މަރާމާތު ކުރުމުގެ 38 ޕްރޮޖެކްޓް 2010 ވަނައަހަރު ހިންގާފައި ވެއެވެ.

"މިއީ އަހަރު ދުވަހުގެ މަސައްކަތަށް ބަލާއިރު ފާހަގަ ކޮށްލެވޭވަރުގެ ބޮޑު ކާމިޔާބީ އެއްކަމުގައި އަޅުގަނޑުމެން ދެކެން،" މިނިސްޓްރީ އެ އޮފިޝަލު ވިދާޅުވި އެވެ.