ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި އެމެރިކާގެ އެޕަލްއިން އެކުންފުނިން އެންމެ ފަހުން އުފެއްދި 12.9 އިންޗި ސްކްރީންގެ 'އައިޕެޑް ޕްރޯ'އާއި އައިފޯން 6އެސް އަދި 6އެސް ޕްލަސް އާއި އެންމެ ފަހުގެ އެޕަލްޓީވީ ލޯންޗްކޮށްފިއެވެ.

ސެންފްރެންސިސްކޯގެ ގްރަހަމް ސިވިކް އޮޑިޓޯރިއަމްގައި ބޭއްވި ޚާއްސަ ހަފުލާގައި އައިޕެޑް ލޯންޗްކޮށްދެއްވީ އެޕަލްގެ ސީއީއޯ ޓީމް ކުކްއެވެ.

ބޯ މިނުގައި 6.9 މިލިމީޓަރު ހުންނަ މި މޮންސްޓާ އައިޕެޑްގައި ހަތަރު ސްޕީކަރު ހިމެނެއެވެ.

އަދި މިއައިޕެޑްގައި ކީބޯޑް ޑިޒައިން ކޮށްފައިވަނީ މައިކްރޯ ސޮފްޓްގެ ސާފޭސްއާ އެއްގޮތަށެވެ.

އެޕަލް އައިޕެޑް ޕްރޯ -- ފޮޓޯ: ދަ ވަރޖް

މީގެ އިތުރުން އެޕަލްގެ ޚާއްސަ އޮޕްޝަނަލްގެ ދަށުން އެޕަލް ޕެންސިލް ފީޗާ ވަނީ ހިމަނާފައެވެ.

މިއައިޕެޑް ވިއްކުމަށް ހަމަޖެހިފައިވަނީ 799 އެމެރިކާ ޑޮލަރަށެވެ.

އެޕަލްއިން ބުނީ އައިޕެޑް ޕްރޯގައި އެޕަލް ސްޓޯރުން ގޭމް ޑައުންލޯޑް ކުރުމާއި އެޑިޓް ކުރުމާއި ފިލްމްވެސް ބެލޭނެކަމަށާއި މި އައިޕެޑަކީ ކޮމްޕިއުޓަރުގެ އަލްޓަނޭޓިވްއެއް ކަމަށެވެ.

އައިޕެޑް ޕްރޯ ނޮވެމްބަރުގައި ގަންނަން ލިބޭއިރު އޭގެ އަގުއުޅޭނީ 799 ޑޮލަރާއި 1079 ޑޮލަރުގެ އަގެއްގައި ކަމަށެވެ.

އޭގެ ތެރޭގައި އައިޕެޑްގެ ފަންސުރު 99 ޑޮލަރަށް ވިއްކާއިރު ކީބޯޑް ވިއްކުމަށް ހަމަޖެހިފައިވަނީ 169 ޑޮލަރަށް ކަމަށެވެ.

އެޕަލް ޕެންސިލް -- ފޮޓޯ: ދަ ވަރޖް

އެޕަލްއިން ނެރުނު އާ އައިފޯން ސިކްސް އެސްގެ މޮޑެލްތަކުގައި ތްރީޑީ ޓަޗް ފީޗާސްވެސް ހިމަނާފައިވާނެ ކަމަށެވެ. އޭގެ އިތުރުން އައިފޯން އެންމެ ފަހުގެ މޮޑެލްގައި 12 މެގަ ޕިކްސެލްގެ ކެމެރާއެއް ހިމަނާފައި ވެއެވެ.

އައިފޯން 6 އެސް ވިއްކަން ހަމަޖެހިފައި ވަނީ 199ޑޮލަރާއި 399 ޑޮލަރާ ދެމެދުގެ އަގެއްގައެވެ. އަދި އައިފޯން 6އެސް ޕްލަސް ވިއްކާނީ 299 ޑޮލަރާއި 499 ޑޮލަރާ ދެމެދުގެ އަގުތަކެއްގައެވެ.

މީގެ އިތުރުން އެޕަލްއިން ވަނީ އެޕަލްގެ އާ ޓީވީވެސް ލޯންޗުކޮށްފައެވެ.

އެޕަލްގެ ޓީވީގައި އެޕަލްގެ އެޕްސްޓޯރުގެ ޚިދުމަތާއި އައިއޯއެސްގެ ޚިދުމަތްވެސް ވަނީ ހިމަނާފައެވެ.

ޓީވީގައި ޓަޗް ފީޗާސް ހިމެނޭއިރު ކޮންޓްރޯލް ކުރުމަށް ރެމޯޓާއި އަޑު ބޭނުންކޮށްގެން ޓީވީ ކޮންޓްރޯލް ކުރުމަށް މައިކްރޯ ފޯންވެސް ވަނީ ޓީވީއާއެކު ހިމެނެއެވެ.

އެޕަލް ކުންފުނިން ބުނީ، އައިފޯން ސިކްސް އެސް އާއި ސިކްސް އެސް ޕްލަސްއަށް މި މަހު 12 އިން ފެށިގެން ޕްރީ އޯޑަރު ކުރެވެން ހުންނާނޭ ކަމަށާއި އަދި ސެޕްޓެމްބަރު 25 އިން ފެށިގެން ދުނިޔޭގެ ގިނަ ގައުމުތަކުން މިފޯން ގަންނަން ލިބޭނޭ ކަމަށެވެ.