އެއްވެސް ތަނެއްގައި އެމަނިކުފާނު ރުޅި އަރުވާލުމަކީ ވަރަށް އުނދަގޫކަމެއް ކަމަށާއި އެކަން އެމަނިކުފާނަށް ދަސްވީ ކުޅިވަރުގެ މައިދާނުން ކަމަށް ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު މިރޭ ވިދާޅުވެއްޖެ އެވެ.

ކަލާސް އެވޯޑް ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް އަދީބު ވިދާޅުވީ، އެމަނިކުފާނުގެ ދިރިއުޅުމުގެ އެކި ދުވަސްތަކުގައި ކުޅިވަރުގައި ގިނަ ވަގުތުތަކެއް ހޭދަކޮށްފައިވާނެ ކަމަށެވެ. އަދި ކުޅިވަރުގެ ތެރެއިން ދިރިއުޅުމުގެ އެތަން ކަންތައްތަކެއް ދަސްވެގެން ދިޔަކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއަދު ސިޔާސީ މައިދާނުގައި އަޅުގަނޑު އުޅޭއިރު ވެސް އަދި އެހެންކަމެއްގައި އުޅޭއިރު ވެސް އެއްވެސް ގޮތަކަށް އަޅުގަނޑު އެއްވެސް އެހެންބޭފުޅަކަށް އަޅުގަނޑު ރުޅިއަރުވައެއް ނުލެވޭނެ. އާދެ ޓޮލަރަންސް ނުވަތަ ކެއްތެރިކަމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުޅިވަރުގެ މައިދާނުން އަޅުގަނޑަށް ދަސްކޮށްދިން އެއްޗެއް،" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ ކުޅިވަރުގެ މައިދާނުން ޓީމް ވޯކަކީ އެމަނިކުފާނަށް ދަސްވި ވަރަށް މުހިންމުކަމެއް ކަމަށެވެ. ޓީމްވޯކެއް ހަރުދަނާކަމާ އެކު ކުރިއަށް ގެންދެވިއްޖެނަމަ ލިބިދާނެ ކާމިޔާބީތަކަށް އަލިއަޅުވާލައްވައި އެމަނިކުފާނު ވިދާޅުވީ ކެތްތެރިކަމާއެކު ކޮންމެ ކަމެއްގައި މަސައްކަތް ކުރުމަކީ ވެސް ކާމިޔާބީގެ ސިއްރެއް ކަމަށެވެ.

ކާމިޔާބީގައި ހިތްތިރިކުރުމާއި ނާކާމިޔާބީގައި ކެތްތެރިވުމަކީ ވެސް ކުޅިވަރުގެ މައިދާނުން ދަސްވާކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކަންކަމުގައި ބަލިވެސްވާނެކަމާ، ކޮންމެ ކަމެއްގައި މޮޅެއް ނުވެވޭނެކަން އެވެސް އަޅުގަނޑަށް ދަސްވީ ކުޅިވަރުގެ މައިދާނުން. އަދި ބަލި ހަޖަމްކޮށް ކީއްވެތޯ ބަލިވީ ވިސްނާ ދެން މޮޅުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަން ދަސްވީވެސް ހަމަ ކުޅިވަރުން،" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި އެވެ.

ރަނގަޅަށް ކިޔެވުމުގެ އިތުރުން ކޮންމެ ކުއްޖަކީވެސް ކޮންމެވެސް ކުޅިވަރެއްގައި ކުރިއަރައިގެންދާން މަސައްކަތްކުރާ ކުއްޖަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސްކޫލް ކުދިންގެ ކިބައިން އެދިލެއްވިއެވެ.