17 Mar 2011, 20:52
ހައްވާ ލުބްނާ އަދި ހުސެއިން ހަސަން
ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި 2013 ވަނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ތާއީދު ނުކުރައްވާނެ ކަމަށް ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވިޔަސް، ތަސްމީންގެ ލީޑާޝިޕްގައި ދެމިތިބުމަށް ޕާޓީގެ ކައުންސިލުން މިރޭ ބޭއްވި ކުއްލި ބައްދަލުވުމުގައި ނިންމައިފި އެވެ.
ޑީއާރްޕީގެ ކައުންސިލުން މިރޭ 9:30 ގައި ޕާޓީ އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ތަސްމީންގެ ލީޑާޝިޕްގެ ދެމިތިބުމަށް ތާއިދުކޮށް، ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އޭނާ ކަމަށް ތާއީދުކުރައްވައި ވޯޓުދެއްވައިފައިވަނީ އެ ބައްދަލުވުމަށް ވަޑައިގެންނެވި 19 މެންބަރުންގެ ތެރެއިން 18 މެންބަރުންނެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވަކި ކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ. ކައުންސިލްގައި ހިމެނެނީ ޖުމްލަ 34 މެމްބަރުންނެވެ.
އެ ބައްދަލުވުމުގައި ޒައީމް މައުމޫނާއި ތަސްމީނުގެ ދެބަސްވުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރަން ހަމަޖެހިފައި އޮތުމުން "އަމިއްލަ މަސްލަހަތު" ހިމެނޭ ކަމަށް ވިދާޅުވެ، ޕާޓީގެ ލީޑާ ތަސްމީނާއި ޒައީމް މައުމޫންގެ ދެބޭފުޅުން ކަމަށްވާ ޣައްސާން މައުމޫނާއި ދުންޔާ މައުމޫން އެބައްދަލުވުމަށް ވަޑައިގެންފައެއް ނުވެ އެވެ. އަދި މައުމޫނުގެ ފެކްޝަނުގެ ގިނަ މެމްބަރުންތަކެއް ވަނީ އެ ބައްދަލުވުން ބޯއިކޮޓް ކުރައްވައިފަ އެވެ.
ތަސްމީނުގެ އާއިލީ ބޭފުޅުންނާއި އޭނާއަށް ފާޅުގައި ތާއީދުކުރައްވައި ގިނަ މެމްބަރުންތަކަކާއެކު ކުރިއަށްދިޔަ އެ ކައުންސިލް ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ނައިބު ލީޑަރު އަލީ ވަހީދެވެ.
ކައުންސިލް ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އަލީ ވަހީދު ވިދާޅުވީ، ޕާޓީ ބަދުނާމުކޮށް، ދަންކަވަމުންދާ ވާހަކަތައް ވަގުތުން ވަގުތައް ހުއްޓާލުމަށް ކައުންސިލުން ތާއީދުކުރާ ކަމަށެވެ. ނަމަވެސް އެފަދަ ވާހަކަތައް ފަތުރަމުންދާ ޑީއާރްޕީގެ މެންބަރުންނާމެދު ފިޔަވަޅު އެޅުމަށް ނިންމާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތަސްމީން ނިންމާ ނިންމުންތަކަކީ އަސާސީ ގަވާއިދާ ހިލާފަށް ނިންމާ ނިންމުންތަކެއް ކަމަށް ބަޔަކު އަޑު ފެތުރި ކަމުގައިވިޔަސް ތަސްމީން ނިންމާ ނިންމުންތަކަކީ އަސާސީ ގަވާއިދާ އެއްގޮތަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށް ކައުންސިލްގެ މެޖޯރިޓީން ނިންމާފައިވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
ޑީއާރްޕީން މިރޭ ކުއްލި ކައުންސިލެއް ބާއްވާފައިވަނީ ތަސްމީނަށް ކުރެއްވި ތާއީދު ޒައީމް އަނބުރާ ގެންދެވުމުންނެވެ. މައުމޫން މިއަދު ނެރުއްވި ބަޔާނުގައި ވަނީ، ތަސްމީނު ޕާޓީގެ ލީޑަރުކަމަށް ވަޑައިގަތުމަށް މަގުފަހިކޮށްދެއްވީތީ ޕާޓީގެ މެމްބަރުންގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ.
--------------
22:52 އަލީ ވަހީދު ވިދާޅުވީ، ޕާޓީގެ ކައުންސިލުން ނިންމައިފައިވަނީ ތަސްމީނު އަލީގެ ލީޑާޝިޕުގައި ދެމިތިބުމަށް ކަމަށެވެ. އެގޮތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 19 މެމްބަރުންގެ ތެރެއިން 18 މެމްބަރުން ތަސްމީނާ އެއްކޮޅަށް ވޯޓުދެއްވައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ވަކިކޮޅަކަށް ވޯޓުނުދެއްވައި އިންނެވީ މައުމޫނު ފެކްޝަނުގައި ހިމެނިވަޑައިގަންނަވައި އަހްމަދު މަހްލޫފެވެ.
http://sun.mv/albums/l_357.jpg
22:48 މިރޭ ބޭއްވި ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި ނިންމައިފައިވަނީ ތަސްމީން ކަންތައްކުރައްވަނީ ޕާޓީގެ ކައުންސިލުގެ ނިންމުތަކާ އެއްގޮތަށް ކަމަށް ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި އަލީ ވަހީދު ވިދާޅުވި އެވެ.
22:43 ކައުންސިލް ބައްދަލުވުން ނިންމައިލައިފި އެވެ. މިހާރު ޕްރެސް ކޮންފަރެންސެއް ފަށައިފި އެވެ.
22:40 ކައުންސިލް ބައްދަލުވުމަށް މައުމޫން ފެކްޝަނުގައި ހިމެނިވަޑައިގަންނަވައި ގިނަ މެމްބަރުންތަކެއް ވަޑައެއްނުގަންނަވަ އެވެ. އެގޮތުން ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުންކަމުގައިވާ އިލްހާމް އަހްމަދާއި އަބްދުލް މުހުސިނާއި އަލީ އާރިފުގެ އިތުރުން ޒައީމް މައުމޫންގެ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް )ވައްޑެ( ބައިވެރިވެވަޑައެއްނުގަންނަވަ އެވެ.
22:33 ޕާޓީގެ ލީޑަރު ތަސްމީނު ކަންތައްކުރައްވަނީ ކައުންސިލްގެ ލަފާގެ މަތިންތޯ ނިންމައިދިނުމަށާއި ގައުމީ ޖަލްސާގެ ކައުންސިލަށް ލާޒިމްކުރާ ފަދައިން ކަނޑައެޅިފައި ހުރި ރިޔާސީ ކެންޑިޑޭޓާއެކު މަސައްކަތްކުރަން ފެނޭތޯ ބެލުމަށް ވޯޓެއް ނެގުމަށް މެމްބަރަކު ރިޔާސަތުގައި އެދި، އެކަމަށް އިތުރު މެމްބަރަކު ތާއީދު ކުރުމުން ވޯޓަށް އަހާ ހިސާބަށް ހިނގައްޖެ އެވެ.
22:77 ކައުންސިލް ބައްދަލުވުން ކުރިއަށްދާއިރު ޑީއާރްޕީ އޮފީސް ބޭރުގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގަ އެވެ. ނަމަވެސް، ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފަ އެވެ.
http://sun.mv/albums/l_355.jpg
22:03 ޑީއާރްޕީގެ ޑިޕިއުޓީ ލީޑަރު އަލީ ވަހީދު ރިޔާސަތުގައި އިންނަވައިގެން ކައުންސިލްގެ ބައްދަލުވުން ފަށައިފި އެވެ. އެޕާޓީގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ކައުންސިލްގައި ހިމެނިވަޑައިގަންނަވައި 34 މެމްބަރުންގެ ތެރެއިން 20 ބޭފުޅުން މިރޭގެ ބައްދަލުވުމުގައި މިހާރު ބައިވެރިވެވަޑައިގަންނަވައި ކަމަށެވެ.
21:50 ކައުންސިލް ބައްދަލުވުމަށް މެމްބަރުން ޑީއާރްޕީ އޮފީހަށް ވަޑައިގަންނަވަން ފަށައިފި އެވެ. އަމިއްލަ މަސްލަހަތު ހިމެނޭތީ ތަސްމީނުވެސް މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
21:05 ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އަހުމަދު ތަސްމީން އަލީ ވުމަށް ޒައީމް މައުމޫން އަބްދުލް ގައްޔޫމް ދެއްވައިފައިވާ ތާއީދު އަނބުރާ ގެންދެވިކަން މިއަދު އިއުލާން ކުރައްވާފައި ވާތީ، އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އެޕާޓީގެ ކުއްލި ކައުންސިލް ބައްދަލުވުމެއް މިރޭ ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
މިރޭ ގާތްގަނޑަކަށް އިރުއޮއްސި ހަގަޑި ތިރީސް އެހާކަންހާއިރު ޑީއާރްޕީގެ ކައުންސިލް މެމްބަރުންނަށް ފޮނުވާފައިވާ އެސްއެމްއެސްއެއްގައި ބުނަނީ، ޑީއާރްޕީއަށް މިވަގުތު ދިމާވެފައިވާ ބައެއް ގޮންޖެހުންތަކާ މެދު މަޝްވަރާކުރުމަށް ޑީއާރްޕީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިރޭ ނުވަގަޑި ތިރީހުގައި ޕާޓީ އޮފީހުގައި އޮންނާނެ ކަމަށެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ މެމްބަރަކު ވިދާޅުވީ، ޕާޓީގެ ޒައީމާއި ލީޑަރާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކާއި މެދު މިރޭގެ ކައުންސިލް ބައްދަލުވުމުގައި މަޝްވަރާކުރާނެ ކަމަށެވެ. އަދި ޑީއާރްޕީގެ ލީޑަރުގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމަށް ވޯޓެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ޑީއާރްޕީގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ، މިރޭ ކައުންސިލް ބައްދަލުވުމުގެ އެޖެންޑާ އޮތީ ކަނޑައެޅިފައިކަމަށާއި ލީޑަރުގެ މައްޗަށް އިތުބާރު އޮތްތޯ ނުވަތަ ނެތްތޯ ބެލުމަށް ވޯޓަކަށް އަހާ ގޮތަށް ހަމަޖެހިފައި ނެތް ކަމަށެވެ. ނަމަވެސް، މިރޭ ކުރިއަށްދާ މަޝްވަރާތަކުގެ ތެރެއިން، ކައުންސިލް މެމްބަރުންނަށް ނުވަތަ ރިޔާސަތަށް ފެނިވަޑައިގެންފިނަމަ ކަންކަމުގައި ވޯޓަށް އަހާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނާފިޒު އިތުރަށް ވިދާޅުވީ، މިރޭގެ ބައްދަލުވުމުގައި ޕާޓީގެ ޒައީމް މައުމޫނާއި ތަސްމީނާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާތީ، އެކަންކަމަކީ އެބޭފުޅުންގެ ޒާތީ މަސްލަހަތު ހިމެނޭ ކަމަކަށްވުމާއި އެކު، އެ ދެބޭފުޅުންވެސް މިރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ގޮތަށް ހަމަޖައްސަވައި ދެއްވުން އެދި ގިނަ މެމްބަރުންތަކެއް ޕާޓީގެ އިދާރާއަށް ހުށަހަޅައިފައިވާ ކަމަށެވެ.
ނަމަވެސް، އަދި މިހާތަނަށް ތަސްމީން ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންވާނެ ކަމެއް އަދި އަންގަވާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިހާތަނަށް އެނގިފައިވާ ގޮތުގައި، ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ޒައީމްގެ ދެބޭފުޅުންކަމަށްވާ ދުންޔާ މައުމޫނާއި ޣައްސާން މައުމޫން އެ ބައްދަލުވުން ބޯއިކޮޓުކުރައްވާނެ އެވެ. ޣައްސާން ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.
"އަޅުގަނޑާ ދުންޔާއާމީ ރައީސް މައުމޫންގެ ދެދަރިންނަށް ތިބެ، މި މަޝްވަރާގައި ވަކި ފަރާތަކަށް ވަކާލާތު ކުރުމުގެ ގޮތުން ބައިވެރިވުމަކީ ޑިމޮކްރެސީގެ ރޫހާ ޚިލާފު ކަމެއް ކަމަށް އަޅުގަނޑުމެންނަށް ފެންނާތީ ހަގީގަތުގައި މިކަން އެންމެ ރަނގަޅަށް ކައުންސިލްގައި މަޝްވަރާކުރެއްވޭނީ އަޅުގަނޑުމެން އަދި އެހެން އާއިލީ މަސްލަހަތުތައް އެކުލެވޭ ބޭފުޅުން މީގައި ބައިވެރިވެވަޑައިނުގަންވައިފި ކަމުގައި އަޅުގަނޑުމެންނަށް ފެންނާތީ މި ބައްދަލުވުމުގައި ބައިވެރިނުވަނީ." ޣައްސާން މިރޭ ވިދާޅުވި އެވެ.