09 Sep 2015, 21:41
ފްރާންސްގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ކަލައިއަށް ހިޖްރަކުރަމުންދާ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އަޅާލުމާއި އެއްބައިވަންތަކަން ހާމަކޮށްދިނުމުގެ ގޮތުން ހިންގާ އާ ކެމްޕޭން ހަރަކާތެއްގެ ގޮތުގައި ކްލަބްތަކުގެ ސަޕޯޓަރުން ބޭނުންކުރާ ސްކާޕް ރެފިއުޖީންނަށް ފޯރުކޮށްދިނުމަށް ފުޓްބޯޅަ ފޭން ގްރޫޕްތަކުން އުފައްދާފައިވާ ކޯލިޝަނަކުން ގޮވާލައިފި އެވެ.
ރެފިއުޖީންނަށް އެހީތެރިވުމަށް ހިންގާ ހަރަކާތްތަކަށް ފަންޑުކުރުމަށް ފަންޑްރައިޒިން ޕްރޮގްރާމެއްވެސް އެ ކޯލިޝަނުން ވަނީ ތައާރަފްކޮށްފައެވެ.
ޓީޝާޓް އުފައްދާ ކުންފުންޏެއް ކަމަށްވާ "ފިލޯސަފީ ފުޓްބޯލް" އާއި ފުޓްބޯޅަ ފެޑެރޭޝަން ތަކާއި ފުޓްބޯޅަ ނެޓްވޯކްތަކާއި ރޭސިޒަމްއާ ދެކޮޅަށް ހަރަކާތްތެރިވާ ޖަމާއަތްތަށް ގުޅިގެން ތައްޔާރުކޮށްފައިވާ "ރެފިއުޖީސް އާ އަވަރ ފުޓްބޯލް ފެމިލީ" ޓީޝާޓުތައް ވިއްކައިގެން ލިބޭ ފައިސާ ހޭދުކުރުމަށް ނިންމާފައިވާނީ، ކަލައިއަށް އަންނަ ރެފިއުޖީންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ޑޮކްޓަރުންނާއި ނަރުހުން ހޯދުމަށެވެ.
އެގޮތުން ކަލައިސްގައި ގާއިމްކޮށްފައިވާ ރެފިއުޖީ ކޭމްޕުގައި ހުންނަ ސިއްހީ ފަރުވާދޭ ހަމައެކަނި ކްލިނިކާއި، މެދުއިރުމައްޗާއި އުތުރު އެފްރިކާއާއި ވިލާތުގައި ހުރި ރެފިއުޖީންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދޭ ކްލިނިކްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އެ ފައިސާ ހޭދަކުރެވޭނޭ ކަމަށްވެސް އެ ގްރޫޕުން ބުނެފައި ވެއެވެ.
ފިލޯސަފީ ފުޓްބޯލްގެ ކޯ-ފައުންޑަރ މާކް ޕެރީމަން ވިދާޅުވީ، ފުޓްބޯޅައަށް ލޯބިކުރާ އެތަކެއް ހާސް ފޭނުންނެއް ގުޅިގެން، މިހާ ގިނައަދަދެއްގެ ފައިސާ ހޯދުމަށް ފަށާފައިވާ މި މަސައްކަތަކީ، ފުޓްބޯޅަ އާއިލާއިން މިފަދަ ކަންކަމުގައި ހުޅުވިފައިވާ ހިތަކާއެކު ކުރިމަތިލައި ފުޓްބޯޅަ ސަގާފަތުގައި އިންސާނިއްޔަތުކަމާއި ދީލަތިކަމުގެ ރޫހު އޮތްކަން ހާމަކޮށްދިނުން ކަމަށެވެ.
އިނގިރޭސި ވިލާތުގައި ކުޅުނު ފުރަތަމަ ސްޕެއިން ކުޅުންތެރިޔާއާއި ބަލްކަން ސަރަހައްދުގައި އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެން ސްވިޒަލޭންޑަށް ހިޖްރަކުރި މީހުންގެ ތެރޭން، ހަތް ކުޅުންތެރިއަކު ބްރެޒިލްގައި އޮތް ވޯލްޑް ކަޕްގައި ސްވިޒަލޭންޑް ޓީމަށް ކުޅެފައިވާކަން ފާހަގަކުރަމުން ޕެރީމަން ވަނީ، ފުޓްބޯޅައާ ރެފިއުޖީންނާ ވަރަށް ބޮޑު ގުޅުމެއް ވާކަން ތާރީޚުން ވެސް އެނގެން އޮތްކަމަށް ވިދާޅުވެފައެވެ.
ފްރާންސްގެ އިތުރުން ޖަރުމަނުވިލާތުގައި ވެސް ފުޓްބޯޅަ ފޭން ގްރޫޕްތަކުންނާއި ބުންޑެސް ލީގާ ކްލަބްތަކުން ދަނީ ރަމްޒީ ގޮތުންނާއި އަދި މާލީ ގޮތުންވެސް ސީރިއާ އާއި އެނޫންވެސް ގައުމުތަކުން ޖަރުމަނަށް ހިޖްރަކުރަމުންދާ ރެފިއުޖީންނަށް، ހުޅުވިފައިވާ ހިތަކާއެކު މަރުހަބާ ކިޔަމުންނެވެ. އަދި އިނގިރޭސި ޕްރިމިއަލީގު ކްލްބްތަކުން ވެސް ދަނީ ރެފިއުޖީންނަށް އެހީތެރިވުމަށް ފަންޑްރެއިޒް ކުރުމާއި އެނޫންވެސް ހަރަކާތްތައް ހިންގަމުންނެވެ.
ފުޓްބޯޅަ ފޭން ގްރޫޕްތަކުން އުފައްދާފައިވާ ކޯލިޝަނުން ގޮވާލާފައި ވަނީ، ފުޓްބޯޅައަށް ލޯބިކުރާ މީހުން ކްލަބްތަކަށް ސަޕޯޓުކުރަންދާއިރު ބޭނުންކުރާ ސްކާފްގެ އިތުރުން ސާފުތާހިރު އަދި ހަލާކު ނުވެހުރި، ފިނިމޫސުމުގައި ބޮލުގަައި އަޅާ ކޯރިއާއި އަންގި ފަދަ ތަކެތިވެސް ރެފިއުޖީންނަށް ބެހުމަށް އެ ކޯލިޝަނާ ހަވާލުކުރުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ.