09 Sep 2015, 21:41
ވައިގެ މަގުން ރާއްޖެ އަށް ކެނެބިސް އެތެރެ ކުރި ބަނގުލަދޭޝް މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށް، 100،000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ ބަނގުލަދޭޝްގެ ރަފީކު ނަމަކަށް ކިޔާ މީހެއްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ކެނެބިސް ޓްރެފިކުކުރުމުގެ ކުށް، އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. އަދި ހުކުމުގައި ބުނީ އޭނާގެ އަތުންނާއި އޭނާ ދިރިއުޅޭ ތަނުން ފެނުނު ދަބަހުގެ ތެރެއިން ފެނުނު ސިނގިރޭޓު ފޮށީގައި ހުރި މަސްތުވާތަކެއްޗަކީ ރަފީކުގެ ތަކެތިކަން ރަފީކުގެ އިޢުތިރާފުން އެނގޭ ކަމަށެވެ.
އަދި ހުކުމުގައި ބުނީ ރަފީކު އަތުން ފެނުނީ ކެނެބިސްކަން ރަފީކުގެ އިޢުތިރާފުން އެނގޭއިރު، އޭނާ ދިރިއުޅޭ ތަނުން ފެނުނު މަސްތުވާތަކެއްޗަކީ ކެނެބިސްކަމާއި އެތަކެތީގެ ބަރުދަނުގައި 38.7356 ގުރާމު ކެނެބިސް ހުރިކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގޭ ކަމަށެވެ.
"ކެނެބިސް ޓްރެފިކުކުރުމުގެ ކުށުން ރަފީކު ކުށްވެރިވާ ކަމަށް ކަނޑައަޅައި ރަފީކުގެ މައްޗަށް ސާބިތުވި މިކުށުގެ އުގޫބާތެެއްގެ ގޮތުން ... އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކުރުމާ އެކު ރަފީކު ޢުމުރަށް ޖަލަށް ލުމަށް ޙުކުމްކޮށް، މިޖޫރިމަނާގެ ފައިސާ މިއަދުގެ ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކުރިމިނަލް ކޯޓަށް ދެއްކުމަށް އަންގައި މި ގަޒިއްޔާ ނިންމީ އެވެ." ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުންޏެވެ.