ސާބިއާ އާއި ހަންގޭރީ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ފުލުހުންނަށް ފިލަން އުޅުނު ރެފިއުޖީއެއްގެ ފައިގައި ޖަހާ ރެފިއުޖީ ވައްޓާލި ހަންގޭރީ ނޫސްވެރިޔަކު ވަޒީފާ އިން ވަކިކޮށްފި އެވެ.

އެއީ ހަންގޭރީ ޓީވީޗެނަލެއް ކަމަށްވާ "އެންވަންޓީވީ"ގައި މަސައްކަތްކުރާ މީހެކެވެ. އޭނާ ރެފިއުޖީއަށް ހަމަލާދިން ވީޑިއޯ ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

ހަމަލާ ދިން ވަގުތު އެ އަންހެން މީހާ ހުރީ ކެމެރާއެއް ހިފައިގެން، ފުލުހުންގެ ސަފުތައް ފޫއަޅުވާލާފައި ދިޔަ ރެފިއުޖީންގެ ވިޑިއޯ ރެކޯޑް ކުރުމަށެވެ. އަދި ފުލުހެއް ކައިރިން ނެއްޓިގެން އެ ރެފިއުޖީ މީހާ ނައްޓާލިވަގުތު އަންހެންމީހާ ފައިން ދުނިއަޅުވައި ރެފިއުޖީ މީހާ އާއި އޭނާ އުރައިގެން އިން ކުޑަކުއްޖާއާ އެކު ވައްޓާލަ އެވެ.

އެކަން ކުށްވެރިކޮށް އެންއައިޓީވީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ އެނައުންސްމެންޓެއްގައި ބުނެފައި ވަނީ، އެ ނޫސްވެރިޔާ މިއަދު ހިންގާފައިވާ އަމަލަކީ ވަރަށް އަހުލާގީ ފެންވަރު ދަށް އަމަލެއް ކަމަށާއި، އެކަން އެނގުނު ހިސާބުން އެމީހާ ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށެވެ.

މި ނޫސްވެރިޔާ ރެފިއުޖީއަކަށް ހަމަލާދޭ މަންޒަރު ރެކޯޑްކޮށްފައި ވަނީ އެ ސަރަހައްދުގައި އެވަގުތު ހަރަކާތްތެރިވި ޖަރުމަނަށް ނިސްބަތްވާ ނޫސްވެރިއެކެވެ.