ށ. ފީވަކު ކައުންސިލްގެ މެންބަރަކާއި އެރަށު ކައުންސިލްގެ ކުރީގެ ރައީސް އެމްޑީއޭ އަށް ސޮއިކުރައްވައިފި އެވެ.

އެމްޑީއޭ އަށް މެންބަރުން އިތުރުކުރުމަށް މިހާރު ކުރިޔަށް ގެންދާ ޚާއްސަ ހަރަކާތްތަކުގެ ތެރެއިން އެ ދެބޭފުޅުން އެމްޑީއޭއާ ގުޅިވަޑައިގަތުމުގެ ގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތު އޮތީ އިއްޔެ ހަވީރު އެމްޑީއޭގެ ލީޑަރުގެ އޮފީހުގަ އެވެ.

އެމްޑީއޭ އަށް އިއްޔެ ސޮއިކުރެއްވި ފީވަކު ކައުންސިލަރަކީ އަމީން ފައިސަލް އެވެ. އެމްޑީއޭއާ ގުޅިވަޑައިގަތުމުގެ ކުރީން އޭނާ ހުންނެވީ އަދާލަތު ޕާޓީގަ އެވެ. އިއްޔެގެ ރަސްމިއްޔާތުގައި އެމްޑީއޭ އަށް ސޮއިކުރެއްވި ފީވަކު ކައުންސިލްގެ ކުރީގެ ރައީސް އަކީ، ޢަލީ ރަޝީދު އެވެ.

އެ ދެބޭފުޅުން އެމްޑީއޭ އަށް ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނ. ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފުގެ އިތުރުން އެމްޑީއޭގެ ގައުމީ ކައުންސިލްގެ މެންބަރު މުހައްމަދު އައްބާސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްޑީއޭ އަށް މެންބަރުން އިތުރުކުރުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޚާއްސަ ހަރަކާތްތަކެއް މިހާރު ވަނީ ފަށައިފަ އެވެ. އެ ހަރަކާތްތަކުގެ ތެރެއިން ގިނަ އަދަދެއްގެ މެންބަރުން އަންނަނީ އެމްޑީއޭ އަށް އަލަށް ގުޅެމުން ކަމަށާއި އޭގެ ތެރޭގައި ގިނަ އަދަދެއްގެ ރަށު ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުން ވެސް ހިމެނޭ ކަމަށް އެމްޑީއޭގެ އަމީން އާންމު އިސްމާއީލް ސައީދު މިއަދު "ސަން" އަށް ވިދާޅުވި އެވެ.