ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު ކުރުމަށް ޕީޖީ އޮފީހުން ހުށަހަޅާފައިވާ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުމުގެ ކުރިން މިއަދު ހައިކޯޓުގައި އިބްތިދާއީ އަޑުއެހުމެއް ބާއްވާފައިވާ އިރު، މިއަދަކީ ގާނޫނުގެ ވެރިކަން ނެގެހެއްޓުމުގައި ދިވެހިރާއްޖެ ސާބިތުކަންމަތީ އޮތްކަން ދައްކުވައިދިން ދުވަހެއް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ، އެ އޮފީހުން ދެކެނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތާމެދު ސުވާލު އުފެދޭ ކަމެއް އޮވެއްޖެނަމަ އެކަމަކީ އިސްތިއުނާފު މަރުހަލާއިން ހައްލެއް ލިބޭނެ ކަންތައްތަކެއް ކަމަށެވެ.

ދައުލަތުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކުރިއިރު އެ ފުރުސަތު އޮވެމެ ރައީސް ނަޝީދުގެ ފަރާތްޕުޅުން އެ މައްސަލަ އިސްތިއުނާފުކޮށްފައި ނުވާކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ވަނީ ރައީސް ނަޝީދުގެ ފަރާތްޕުޅުން އދ. އަށް ހުށަހަޅާފައިވާ މައްސަލައިގައްޔާއި އެކިއެކި ނޫސް ބަޔާންތަކުގައި، އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް އިސްތިއުނާފު ކޮށްދިނުމަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވާ ކަމަށެވެ.

އެހެންކަމުން އެކަންކަމުގެ މައްޗަށް ރިއާޔަތް ކުރުމަށްފަހު އަދުލު އިންސާފު ކަށަވަރު ކުރުމުގެ ގޮތުން ޕްރޮސިކިއުޓާ ޖެނެރަލް އެ މައްސަލަ އިސްތިއުނާފުކުރީ ކަމަށް އެ ބަޔާނުގައި ވެއެވެ.

އެ މައްސަލަ އިސްތިއުނާފުކުރީ ތިން ކަމެއް ހާމަކޮށްދިނުމުގެ ގޮތުން ކަމަށް ވެސް ޕީޖީ އޮފީހުގެ ބަޔާނުގައި ވެއެވެ.

އެ ކަންތައްތަކަކީ:

  1. ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ދިވެހިރާއްޖެ ސާބިތުކަންމަތީ ދެމިއޮތްކަން ދައްކުވައިދިނުމަށް.
  2. ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން އެމަނިކުފާނާމެދު ކްރިމިނަލް ކޯޓުގައި ހިންގުނު ޝަރީއަތާމެދު ޝަކުވާއެއް އޮވެއްޖެނަމަ އިސްތިއުނާފު މަރުހަލާއިން އެކަމަށް ހައްލެއް ހޯދުމަށް.
  3. އިސްތިއުނާފުކުރުމުގެ ހައްގުން ރައީސް މުހައްމަދު ނަޝީދު މަހުރޫމްވެވަޑިގެންފައިވާކަމަށް ދެކެވޭ ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއް ނޫންކަން ހާމަކޮށްދިނުން.

ޕްރޮސިކިއުޓާ ޖެނެރަލް އެ މައްސަލަ އިސްތިއުނާފުކުރެއްވުމަކީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ފާހަގަކުރައްވާ އެންމެހާ ކަންބޮޑުވުންތަކަށް ޕީޖީ އޮފީހުން އެއްބަސްވާކަން ދޭހަކޮށްދޭ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

"ދިމިޤްރާތީ މުޖުތަމަޢެއްގައި ގާނޫނުގެ ވެރިކަން ނެގެހެއްޓުމަކީ ނުހަނު މުހިއްމު އަދި އެކަމަކަށް އެންމެހާ ރައްޔިތުންވެސް އިހްތިރާމްކުރައްވަންޖެހޭ ކަމެއްކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދެކެމެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ވަނީ ކޯޓުތަކަކީ މިނިވަންކަމާއެކު ކަންކަން ނިންމުމުގެ ބާރު ލިބިގެންވާ މުއައްސަސާތަކެއްކަމަށް ޕީޖީ އޮފީހުން ދެކޭ ކަމަށެވެ.