ރާއްޖޭގެ އެންމެ އުތުރުން ދެކުނަށް ސަބްމެރިން ކޭބަލް އަޅައި، މުޅި ރާއްޖެއަށް އިންޓަނެޓުގެ އަވަސް ހިދުމަތް ދިނުމަށް ދިރާގުން ހިންގާ ފަސް އަހަރު ދުވަހުގެ ބޮޑު މަޝްރޫއުއަށް މާލީ އެހީތެރިކަން ހޯދުމަށް ބޭރުގެ ފަރާތްތަކާއެކު މަޝްވަރާކުރަމުންދާ ކަމަށް ދިރާގުން ބުނެފި އެވެ.

މުޅި ރާއްޖެ ސަބްމެރިން ކޭބަލަކުން ގުޅާލައި، ދިރާގުން ދެމުން ގެންދާ މުވާސަލާތީ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން ދިރާގުގެ ޗީފް އެގްޒެކެޓިވް )ސީއީ( އިސްމާއިލް ރަޝީދު މިއަދު ވިދާޅުވީ، އެ މަޝްރޫއަކީ ދިރާގުން މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާތީ، އެ ޕްރޮޖެކްޓު ފައިނޭންސް ކުރުމަށް އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން )އައިއެފްސީ( އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު )އޭޑީބީ(ގެ އިތުރުން އެހެނިހެން ބޭންކުތާ މަޝްވަރާކުރަމުންދާ ކަމަށެވެ.

"މިހާތަނަށް ދިރާގުން ޕްރޮޖެކްޓުތަކަށް ފައިނޭންސްކޮށްފައި ހުރީ ދިރާގުގެ އަމިއްލަ ފައިނޭންސް ބޭނުންކޮށްގެން. އެހެންވިޔަސް މި ޕްރޮޖެކްޓަކީ ފުދޭވަރަކަށް ބޮޑު ޕްރޮޖެކްޓަކަށްވެފައި، އެއް ފަހަރާ ވަރަށް ބޮޑަށް ޚަރަދުކުރަންޖެހޭ ޕްރޮޖެކްޓަކަށްވާތީ، ބޯޑުގެ މަޝްވަރާއާއާވެސް އެއްކޮށް އަޅުގަނޑުމެން ބަލަނީ ފައިނޭންސިން އޮޕްޝަންތައް ހޯދަން،" ދިރާގުގެ ތާރީޚުގައި ފަށައި އެންމެ ބޮޑު ޕްރޮޖެކްޓާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މަޝްރޫއު ފަށައިގަންނައިރު ކުރަން ޖެހޭ ހުރިހާ ހަރަދެއް މިހާރު ދިރާގުން ހަމަޖައްސަމުންގެންދާ ކަމަށާއި އެހެންނަމަވެސް، މިއަހަރުގެ މެދުތެރޭ ބޭރުގެ މާލީ އެހީތެރިކަން ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި އެކަމުގައި ސަރުކާރުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުންދާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އެ ޕްރެސް ކޮންފަރެންސްގައި ދިރާގުގެ މެނޭޖިން ޑައިރެކްޓާ އަދި ޗީފް އެގްޒެކެޓިވް އޮފިސާ )ސީއީއޯ( އިސްމާއިލް ވަހީދު ވިދާޅުވީ، އެ ޕްރޮޖެކްޓުގެ ބޮޑު ބަޔަކަށް ބޭރުން ފައިނޭންސް ހޯދުމަށް މަސައްކަތްކުރި ނަމަވެސް، އެ ފައިސާ ނުލިބިއްޖެ ހާލަތެއްގައި ދިރާގުގެ އަމިއްލަ ހަރަދުގައިވެސް މަޝްރޫއު ކުރިއަށްދާނެ ކަމަށެވެ.

"ފައިނޭންސިން އަދި ލަސްވިޔަސްވެސް، ހަމަނުޖެހުނަސްވެސް އަޅުގަނޑުމެން ޕްރޮޖެކްޓައިގެން ކުރިއަށްދާނަން. އެއީ ފޯލް ބެކް ސިޓުއޭޝަނަކަށް )ފަހު ގޮތަކަށް( އިންނާނީ ދިރާގުން އެ ޕްރޮޖެކްޓަށް ފައިނޭންސް ކުރުން. އެހެންނަމަވެސް، މިކަހަލަ ބޮޑު ޕްރޮޖެކްޓެއް ހިނގާތީވެ އަޅުގަނޑުމެންނަށް ފަސޭހަވާނެ ފައިނޭންސިން އޮޕްޝަނެއް )ބޭރުގެ މާލީ އެހީތެރިކަމެއް( ލިބިފައި އޮތިއްޔާ." ދިރާގުގެ ފުރަތަމަ ދިވެހި ސީއީއޯއަކަށް ވެވަޑައިގެންނެވި އިސްމާއިލް ވަހީދު ވިދާޅުވި އެވެ.

ދިރާގުން 70 މިލިއަން ޑޮލަރު )899.5ރ.( ޚަރަދުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓުގައި، 28.2 މިލިއަން ޑޮލަރު )359.55ރ.( ހޭދަކުރަން ހަމަޖެހިފައިވަނީ މާދަމާ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަނޑުއަޑިން ފައިބާ އޮޕްޓިކް ކޭބަލެއް އެޅުމުގެ މަސައްކަތަށެވެ. އެ ކޭބަލް ތައްޔާރުކޮށް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 15 މަސްދުވަހުގެ ތެރޭ ނިންމާ ގޮތަށް 21.7 މިލިއަން ޑޮލަރަށް )278.8ރ.( އަށް ޖަޕާނުގެ އެންއީސީ ކުންފުންޏާ އެވެ.

ދިރާގުން ބުނަނީ، މައިކްރޮވޭވް ޓެކްނޮލޮޖީ ބޭނުންކޮށްގެން މިހާރު ގާއިމްކޮށްފައިވާ ދިރާގުގެ މައި ނެޓްވޯކް، ރާއްޖެއަށް މުޅިން އަލަށް ތައާރަފްކުރާ ސަބްމެރިން ކޭބަލް ޓެކްނޮލޮޖީއަށް ބަދަލުކުރުމުން، މައި ނެޓްވޯކަށް މިހާރު ޖެހޭ ގިނަ މައްސަލަތައް ވަރަށް ބޮޑުތަން ކުޑަވެގެންދާނެ ކަމަށެވެ. "ވައިގަދަވެ، ވިއްސާރަވެގެން މައިނެޓްވޯކް ކަނޑައިގެންގޮސްގެން ދިމާވާ މައްސަލަތަކަށް ވަރަށް ރަނގަޅު ހައްލެއް އައިސްގެންދާނެ." ސީއީ ވިދާޅުވި އެވެ. އަދި ދިރާގުންދޭ ޚިދުމަތުގެ އަގުތަކަށްވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ދިރާގުން ބުނިގޮތުގައި، ޕްރޮޖެޓު ފެށުމުގެ ކުރިން ހަދަން ޖެހޭ ސާވޭ ހެދުމުގެ މަސައްކަތް މާދަމާ ފަށާނެ އެވެ. އަދި އެ ސާވޭގެ މަސައްކަތަށް ބޭނުންކުރާ ބޯޓު މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި ރާއްޖެ ވަންނާނެ ކަމަށާއި ސާވޭ ކުރަން ފަށާނީ އައްޑޫން ކަމަށް ވެސް ދިރާގުން ބުނެ އެވެ.