09 Sep 2015, 19:48
ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެތައް ބަޔަކު ކާނެ އެއްޗެއްނެތި ބަނޑަށްޖެހެމުންދާއިރު، އެކުވެރި އަރަބި އިމާރާތުގައި ދިރިއުޅޭ މުއްސަނދި އަރަބި އާއިލާއަކުން އެމީހުންގެ އަންހެން ދަރިފުޅުގެ އުފަންދުވަހަށް ދުނިޔޭގެ އެންމެ އަގުބޮޑު ކޭކު އަޅައިދީފި އެވެ.
ކަޅާ ރަތް ޑައިމަންޑު ހިމަނައިގެން ފެހި، 18 މިލިއަން އެމެރިކާ ޑޮލަރުގެ ދުނިޔޭގެ އެންމެ އަގުބޮޑު ހެދުން ފަރުމާކުރި ޑެބީ ވިންގްހަމް އެޅި އެ ކޭކު ޒީނަތްތެރިކުރުމަށް 4000 އަސްލު ޑައިމަންޑު ބޭނުންކޮށްފައިވާއިރު، ކޭކުގެ އަގަކީ 76 މިލިއަން އެމެރިކާ ޑޮލަރެވެ.
ވިންގްހަމް ބުނާގޮތުން އެ ކޭކު އަޅަން ފުރުސަތު ލިބުނީ، ޔުނައިޓެޑް އަރަބި އެމިރޭޓްސްގައި އުޅޭ އޭނާގެ ކްލައިންޓެއްގެ ފަރާތުންނެވެ. ކެޓްވޯކް ސްޓައިލަކަށް އެޅި އެ ކޭކު އެއްކޮށް ނިންމުމަށް 1100 ގަޑިއިރު ހޭދަވިއިރު، ކޭކުގެ ހުރިހާ މަސައްކަތެއް ވެސް ކޮށްފައިވަނީ އަމިއްލަ އަތުން ކަމަށް އޭނާ ބުންޏެވެ.
"ކޭކުގެ ކާމިޔާބީއާ މެދު ވަރަށް އުފާވޭ. ކޭކު އަޅައިދިން ކްލައިންޓާއި ގެސްޓުން ވެސް ތިބީ ވަރަށް އުފަލުން،" ތިން ކުދިންގެ މަންމަ ބުންޏެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކޭކު -----
މީގެ ކުރިން ވިންގްހަމްގެ ކްލައިންޓުންނަށް ފަރުމާކޮށްދީފައިވާ ހެދުންތައް ފެނިގެންދާ ހަ ފޫޓު ދިގު އެ ކޭކުގެ ބަރުދަނަކީ 450 ކިލޯ ގްރާމެވެ. އެއީ ފިރިހެން ބޮޑު ސާރިދޯޅެއްގެ ބަރުދަނެވެ.
ކޭކުގެ އައިސިންގެ ގޮތުގައި ބޭނުންކޮށްފައިވާ ޑައިމަންޑުތަކުގެ ތެރޭގައި 5.2 ކެރެޓް ފިޔާތޮށި ޑައިމަންޑަކާއި 6.4 ކެރެޓް ރީންދޫ ޑައިމަންޑަކާއި ފަސް ކެރެޓްގެ ހުދު ޑައިމަންޑުގެ 15 އެތިކޮޅު ބޭނުންކޮށްފައިވެ އެވެ. އެހުރިހާ ޑައިމަންޑެއްގެ އަގު 46 މިލިއަން އެމެރިކާ ޑޮލަރަށް އަރާއިރު ކޭކުގައި އެމެތިސްޓްސް އަކާއި އެމަރަލްޑްސް އެއް ވެސް ހިމެނެ އެވެ.
މައުލޫމާތު: ދަ މިރާ، ޑެއިލީ މެއިލް