އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓޭންޑަޑައިޒޭޝަން (އައިއެސްއޯ) މިންގަނޑަށް ދިވެހި ޕާސްޕޯޓުގެ ހުރިހާ ހިދުމަތެއް ދިނުމުގެ ސެޓުފިކެޓު ޑިޕާޓުމަންޓު އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާ ހަވާލުކޮށްފި އެވެ.

އައިއެސްއޯ 9001 މިންގަނޑަށް ޕާސްޕޯޓުގެ ހިދުމަތް ފެއްތުމުގެ އެއްބަސްވުމުގައި އިމިގްރޭޝަނުން މެޑިކިއުޕް ޕްރައިވެޓް ލިމިޓެޑާ އެކު ސޮއިކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ ތިން ވަނަ ދުވަހު އެވެ.

މިއަދު މެންދުރު އިމިގްރޭޝަނުގައި އޮތް ރަސްމިއްޔާތެއްގައި އެ ސެޓުފިކެޓު އިމިގުރޭޝަނާ ހަވާލުކުރެއްވީ މެޑިކިއުޕްގެ ޗެއާމަން މުހައްމަދު ރަޝީދު އެވެ. އިމިގްރޭޝަންގެ ފަރާތުން އެ ސެޓުފިކެޓާ ހަވާލުވެލެއްވީ ކޮންޓުރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަންވަރު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކު މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ސަރުކާރުގެ މުއައްސަސާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަތަކީ ބާރު ސްޕީޑްގައި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަކަށް ވާންޖެހޭ ކަމަށެވެ.

އައިއެސްއޯ މިންގަނޑަށް ޕާސްޕޯޓު ހިދުމަތް ދިނުމުގެ ސެޓުފިކެޓު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވާހަކަދައްކަވަނީ: ސަން ފޮޓޯ/ އާދަމް ނަޒީރު

"އައިއެސްއޯއިން ކުލެސިފައިޑު ކުރެވިފައި ހުންނަ އެކި އެކި ސްޓޭންޑާސްތަކަކީ ބައިނަލްއަގުވާމީ އެކިއެކި ވިޔަފާރިތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި ބޭނުން ކުރާ ސްޓޭންޑަޑުތަކެއް. ދުނިޔޭގެ އައިއެސްއޯ ސްޓޭންޑަޑަށް ފެތޭ އެއްވެސް ހިދުމަތެއް ތައާރަފު ކޮށްދެވޭ ކަމަށްވަންޏާ ވަކި މިންގަނޑެއްގައި އެ ހިދުމަތެއް ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއް،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

އިމިގްރޭޝަނުން ބުނީ ދިވެހި ޕާސްޕޯޓާއި ދަތުރުކުރުމަށް ދޫކުރެވޭ އެކިއެކި ލިޔުން ދޫކުރުމުގެ ޚިދުމަތަކީ އިމިގްރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު އަދި ރައްޔިތުން އެންމެ ބަލައިގަންނަ ޚިދުމަތް ކަމަށެވެ.

ދިވެހި ޕާސްޕޯޓް ތައްޔާރު ކުރެވިފައިވަނީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ) ގެ މިންގަޑަށް ކަމަށާއި އައިކާއޯ މިންގަޑަކީ ޕާސްޕޯޓްގެ ސަލާމަތީ ކަންތައްތަކާއި އަދި ޕާސްޕޯޓް ތައްޔާރުކުރެވިފައި ހުންނަންވާނޭ މިންގަޑުތައް ބަޔާންކޮށްދިނުމަށް ކަނޑައަޅާފައިވާ ސްޓޭންޑަޑެއް ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.