17 Mar 2011, 18:08
ފަސް އަހަރު ނިމުނީމާ މާޒީ، މާޒީގެ ތެރެއަށްދާނެ ކަމަށާއި މި ފަސް އަހަރު ތެރޭ މިސަރުކާރު އުޅެން ޖޭހޭނީ މާޒީއާ އެކީގައި ކަމަށް އެމްޑީޕީގެ ވަގުތީ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ސްޕެޝަލް އެންވޯއީ ޓު ދަ ޕްރެޒިޑެންޓް އިބްރާހިމް ހުސެއިން ޒަކީ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލެއްވި ކަން އިއުލާން ކުރައްވަމުން މިއަދު ދަރުބާރުގޭ ފަންސަވީހުގައި ނޫސް ވެރިންނަށް މަޢުލޫމާތު ދެއްވަމުން ޒަކީ ވިދާޅުވީ ރާއްޖެ އަށް މިއައީ ތާރީޚީ އަސާސީ ބަދަލެއް ކަމަށާއި އަދި އެ އަސާސީ ބަދަލު ކޮންމެ ގައުމަކުން ވެސް ގެންނަ އިރު ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާ ކަމަށެވެ. އަދި މާޒީގެ ތާރީޚުން އެކަން ދައްކާ ކަމަށް ވެސް ޒަކީ ވިދާޅުވި އެވެ. ވޭތުވެދިޔަ ދެ އަހަރު ތެރޭގައި މާޒީގެ ބޮޑުބައި ވަނީ ނިމިފައި ކަމަށް ވެސް ޒަކީ ވިދާޅުވި އެވެ.
"މިގެނެވޭ ބަދަލަކީ ނުވަތަ މި ޓްރާންސިޝަން ގޮސް ނިމޭނީ އަޅުގަނޑު ދެކޭ ގޮތުގައި މިފަސް އަހަރު ތެރޭގައި. ފަސް އަހަރު ނިމުނީމަ މާޒީ، މާޒީއާ އެކުވެގެން ދާނެ. ފަސް އަހަރު ނިމެންދެން އަޅުގަނޑުމެން އުޅެން ޖެހޭނީ މާޒީގެ ތެރޭގައި،" ޒަކީ ވިދާޅުވި އެވެ.
މި ފަހަރުގެ އެމްޑީޕީ އިންތިޚާބުގައި ގިނަ އަދަދެއްގެ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަން ފާހަގަ ކުރައްވަމުން ޒަކީ ވިދާޅުވީ އެކަމާ އުފާކުރައްވާ ކަމަށާއި، އެކަމުން ރަމްޒުކޮށްދެނީ ޑިމޮކްރަސީ އަށް ގިނަ ބަޔަކު ތަސައްރަފް ފުދެމުންދިއުން ކަމަށެވެ. އަދި މި ފަހަރުގެ އެމްޑީޕީ އިންތިޚާބުގައި ނައިބު ރައީސަކަށް ހޮވޭ ބޭފުޅަކަށް ސިޔާސީ ގޮތުން ތަމްރީނު ދެއްވާނެ ކަމަށް ވެސް ޒަކީ ވިދާޅުވި އެވެ.
ގައުމީ ޚިދުމަތުގައި ސަރުކާރުގެ ތިން ދައުރު ތަޖްރިބާކޮށްފައިވާ ކަމަށާއި އެ ތިން ދައުރު ވެސް ތަޖްރިބާ ކޮށްފައިވާ ކަމަށް ވެސް ޒަކީ ވިދާޅުވި އެވެ. އަދި އެމްޑީޕީ އަށް މިހާތަނަށް ކުރިމަތިވި އެންމެ އުނދަގޫ ދުވަސްތައް ކަޑައްތު ކޮށްފައިވާ ކަމަށެވެ.
ޒަކީ ވިދާޅުވީ އެންމެ ބޮޑަށް ކުރިއަށް އޮތް ތާނގާއި މަސައްކަތް ކުރާނެ އެއްކަމަކީ ޕާޓީގެ ވެރިކަމެއް ހިންގުން ކަމަށެވެ. އަދި މިފަހަރު ރައީސް ކަމަށް ކުރިމަތި ލެއްވީ ވެސް އެތައް ބަޔެއްގެ އެދުމުގެ މަތިން ކަމަށާއި ގައުމަށާއި ޕާޓީ އަށް ޚިދުމަތް ކޮށްދޭން އެތައް ބަޔަކު އެދެމުން ދިއުމާ ގުޅިގެން ކަމަށް ޒަކީ ވިދާޅުވި އެވެ.
އަދި ވޭތުވެދިޔަ އެތައް ގަރުނެއް ވަންދެން ދިވެހި ރައްޔިތުންގެ ސިކުނޑީގައި ވަނީ ތަޅުއެޅުވިފައި ކަމަށާއި އެމްޑީޕީން ރާއްޖެއަށް ތައާރަފްކުރި ޑިމޮކްރަސީގެ ސަބަބުން އެންމެ ފުޅާ ދާއިރާއެއްގައި ލިބިފައިވާ އެއް ހައްގަކީ އެ ކަސްތޮޅުން ނެއްޓި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބުން ކަމުގައި ޒަކީ ވިދާޅުވި އެވެ.