މައުރަބު (ސެޕްޓެމްބަރު 9) : ޔަމަނަށް އަރައިތިބި ގަލްފުގެ ގައުމުތަކުގެ އެއްގަމު ސިފައިންގެ އެތައް ހާސް ބަޔަކު ހިމެނޭ ލަޝްކަރު އޮތީ ވެރިރަށް ސަންޢާ ހިފައި އެރަށުން ޙޫޘީ ހަނގުރާމަވެރިން ބޭރުކޮށްލުމުގެ އޮޕަރޭޝަން ފެށުމަށް ތައްޔާރުވެގެންކަމަށް ޔަމަން ސަރުކާރު ގެ އަސްކަރީ ދާއިރާތައް ބުނެފި އެވެ.
މިދާއިރާތަކާ ހަވާލާދީ އަލްޖަޒީރާ ބުނާ ގޮތުން ގަލްފުގެ ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން އުފައްދާފައިވާ އަރަބި ކޯލިޝަންގައި ހިމެނޭ ގަލްފުގެ ގައުމުތަކުގެ ސިފައިންގެ ބޮޑު ލަޝްކަރެއް ޒަމާނީ ހަތިޔާރާ އެކު މިހާރުވަނީ ޔަމަންގެ މައުރަބު ގަވަނޭޓްގައި މަރުކަޒުކޮށްފައެވެ. މިއީ ސައޫދީންގެ ތާއީދުލިބިފައިވާ ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީއަށް ތާއީދުކުރާ ގަބީލާ ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދެކެވެ. ޔަމަންގެ ސިފައިންގެ ލަޝްކަރުތަކުގެ ކޮންޓްރޯލް ރައީސް ހާދީއަކަށް ނޯވެ އެވެ. ޔަމަންގެ ރަސްމީ ލަޝްކަރުތަކުގެ ތާއީދު އޮންނަނީ އެގައުމުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙް އަށެވެ. ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ގަލްފުގެ ބައެއް އަރަބި ގައުމުތަކުން ޔަމަނާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ޔަމަންގެ ސިފައިންތިބެނީ ޙޫޘީންނާ އަދި އަލީ އަބްދުﷲ ސާލިޙްގެ ބާރުތަކަށް ވާގިވެރިވުމަށެވެ.
ސިޔާސީ މަގްސަދުތަކެއް ހާސިލް ކުރުމަށްޓަކައި ގަލްފުގެ ގައުމުތައް ޔަމަންގެ ދާޚިލީ ހަނގުރާމައަށް ވަދެ ވެރިރަށް ސަންއާ ހިފަން އުޅޭ މައްސަލާގައި އދ.ގެ ސެކްރެތަރީ ޖެނެރަލް ބާންކީ މޫންވަނީ ކަންބޮޑުވެ ވަޑައިގަންނަވާކަން ހާމަކުރައްވާފަ އެވެ. ފާއިތުވި ފަސް މަސްތެރޭގައި ގަލްފުގެ ގައުމުތަކުން ޔަމަނަށް ދިން ވައިގެ ހަމަލާތަކުގައި ޔަމަންގެ ބޮޑުބައެއް ހަލާކުކޮށް އާންމުގެ އެތަށް ހާސްބަޔަކު ވެސް ވަނީ މަރާލާފަ އެވެ.
ޔަމަނަށް އަރައިތިބި ގަލްފުގެ ލަޝްކަރުގެ ބޭނުމަކީ ޔަމަނުގެ ވެރިރަށް ސަންއާ ހިފައި އެރަށުން ހޫޘީ ހަނގުރާމަވެރިންނާއި ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙްގެ ބާރުތައް ފައްސާލުން ކަމަށް ސައޫދީ އަސްކަރީ ތަރްޖަމާން އަހްމަދުލްއުސައިރީ ވަނީ ވިދާޅުވެފަ އެވެ. ހާދީގެ ސަރުކާރު ސަންއާގައި އަލުން ގާއިމް ކުރުމުގައި ގަލްފުގެ ގައުމުތަކުގެ ބޭނުމަކީ ޔަމަނަށް ބާރާއި ނުފޫޒު ފޯރުވުންކަމަށް ވަނީ ބެލެވިފަ އެވެ.
ޔަމަނަށް އަރައިތިބި ގަލްފުގެ ލަޝްކަރުގައި ހިމެނެނީ ސައޫދީ ސިފައިންގެ އިތުރުން ގަތަރާއި ޔޫއޭއީ އާއި ބަހްރައިންގެ ސިފައިންނެވެ. މި ގައުމުތަކުގެ ސިފައިން ހޫޘީންނާ ދެކޮޅަށް ބޭނުންކުރަނީ އެމެރިކާގައި އުފައްދާފައިވާ އެންމެ ޒަމާނީ ހަތިޔާރުކަމަށް ރިޕޯޓްތައް ބުނެއެވެ. ޔަމަންގެ ދާޚިލީ ހަނގުރާމައިގާ މިސްރާއި އުރުދުންއާއި ސޫދާންފަދަ އަރަބި އެހެން ގައުމުތައް ބައިވެރިކުރުމަށް ސައުދީ އަރަބިޔާއިން ކުރި މަސައްކަތް މާބޮޑަށް ކާމިޔާބުވެފައެއް ނުވެއެވެ.


ސައޫދީން މިސްރަށްދޭ ފައިސާގެ އެހީތަކާއެކުވެސް މިސްރުން ޔަމަންގެ ހަނގުރާމައިގާ އަދާކުރަނީ ދެފުށްދެގޮތް ޑަބަލް ރޯލެއް ކަމަށް ގަލްފުގެ މީޑިޔާއިންވަނީ ސިފަކޮށްފައެވެ. އެއީ ސައޫދީން އެކުލަވާލާފައިވާ ކޯލިޝަންގައި ބައިވެރިވުމާއެކު ސިއްރިޔާތުގައި ހޫޘީ ޖަމާއަތާ މުޢާމަލާތް ކުރުމެވެ. (ނޫސްއެޖެންސީތައް)