17 Mar 2011, 17:22
އޮޑިޓާ ޖެނެރަލް ކަމަށް ކުރިމަތިލެއްވުމުގެ ފުރުސަތު މަޖިލީހުގެ އިދާރާ އިން ހުޅުވާލައި ކުރިމަތިލައްވާ ބޭފުޅުންގެ ނަންފުޅުތައް މާލިއްޔަތު ކޮމެޓީން ދިރާސާކުރާ ގޮތަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު އޮޑިޑް ގާނޫނަށް އިސްލާހެއް މިއަދު ހުށަހަޅުއްވައިފި އެވެ.
ދެ ހާސް ހަތް ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އަމަލުކުރަމުން އަންނަ އޮޑިޓް ގާނޫނުގެ ދަށުން ރައީސްޖުމްހޫރިއްޔާ އޮޑިޓާ ޖެނެރަލް އަކަށް އައްޔަން ކުރައްވާ ބޭފުޅެއްގެ ނަންފުޅު މަޖިލީހަށް ފޮނުވަން ޖެހެ އެވެ. އަދި މަޖިލީހުގެ ދައުރަކީ އެ ހުށަހެޅޭ ނަންފުޅަކަށް ތާއީދު ކުރުން ނުވަތަ ނެތްކަން ނިންމުމެވެ.
ނަމަވެސް އޮޑިޓް ގާނޫނަށް ގެންނަން ރިޔާޒް ހުށަހެޅުއްވި އިސްލާހުގެ ސަބަބުން އޮޑިޓާ ޖެނެރަލް އައްޔަން ކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އެގޮތުން އޮޑިޓާ ޖެނެރަލް ކަމަށް ކުރިމަތިލުމަށް ޝައުގު ވެރިވާ ފަރާތްތައް ހޯދުމަށް އިއުލާން ކުރާނީ މަޖިލީހުގެ އިދާރާއިންނެވެ. އަދި ކުރިމަތިލާ ބޭފުޅުންގެ ނަންފުޅުތައް ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާނީ މާލިއްޔަތުގެ ކޮމެޓީންނެވެ.
އޮޑިޓާ ޖެނެރަލް އައްޔަން ކުރުމުގެ ތަނަވަސް ދައުރެއް މަޖިލީހަށް ދިނުމަށް އިސްލާހު ހުށަހެޅުއްވި ރިޔާޒް މިއަދު ވިދާޅުވީ ގާނޫނުގައި ވާގޮތަށް އޮޑިޓާ ޖެނެރަލް ކަމަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ބޭފުޅެއްގެ ނަން މަޖިލީހަށް ހުށަހަޅުއްވަން ލާޒިމްވާ އިރު އޮޑީޓާ ޖެނެރަލެއް ނެތި އެތައް ދުވަހެއް ވެފައި ވާއިރު ވެސް ރައީސް ނަޝީދު އެ މަސައްކަތް ކުރައްވަމުން ނުގެންދަވާ ކަމަށެވެ.
"މިހާ ދުވަސް ވާއިރު ރައީސް އެ މަސައްކަތްޕުޅު ނުކުރައްވަންޏާ އަޅުގަނޑުމެން އެބަޖެހޭ ކުރަން. މި އިސްލާހުގެ މަގުސަދަކީ މިއީ،" ރިޔާޒް ވިދާޅުވި އެވެ.
އޮޑީޓާ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ނައީމް މަޖިލީހުގެ އިތުބާރު ނެތް ކަމުގެ ވޯޓަކުން ވަކި ކުރުމުން އެ މަގާމަށް އައްޔަން ކުރުމަށް ރައީސް އެންމެ ފަހުން މަޖިލީހަށް ފޮނުއްވި ނަންފުޅަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް އަލީ ރަޝީދު އުމަރުގެ ނަންފުޅެވެ. ނަމަވެސް މަޖިލީހުން އޭނާ އަށް ރުހުން ނުދީފަ އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް މެމްބަރުން އައްޔަންކުރުމުގެ ހުރިހާ ދައުރެއް މަޖިލީހުން އަދާކުރާ ގޮތަށް ގާނޫނު ވަނީ އިސްލާހުކޮށްފަ އެވެ.