ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރި ކަމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.

އާޒިމްގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ 22 ފެބުރުއަރީ 2015 ވަނަ ދުވަހުގެ ރޭ އަލިކިލެގެފާނުމަގާ މަޖީދީމަގު ގުޅޭ ސަރަހައްދުގައި ބަޔަކު މީހުން އެއްވެ ކުރި މުޒާހަރާގައި އަމަން ބަލަހައްޓަން ތިބި ފުލުހުންގެ ސަފުތެރެއަށް ގާއުކުމާ ގުޅިގެން އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އަންގާފައިވާ ކަމަށެވެ. އަދި އެވަގުތު އެސަރަހައްދުގައި އާޒިމް ހަރަކާތްތެރިވަނިކޮށް، ފުލުހުން ތަކުރާރުކޮށް އެ ސަރަހައްދު ދޫކޮށް ދިއުމަށް އެންގުމުން ވެސް އާޒިމު އެތަނުން ނުގޮސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމަށެވެ.

އެ މައްސަލައިގެ ހުލާސާ ބަޔާން އިއްވުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ދައުލަތުން ހުށަހެޅު ހެކިންނާއި ލިޔެކިޔުންތަކަށް ރިއާޔަތް ކުރައްވައި އަލީ އާޒިމްގެ މައްޗަށް ފުލުހުންގެ ދައުރުއަދާކުރަން ދަތި ކުރުމުގެ ދައުވާ ސާބިތުވީ ކަމަށް ކަނޑައިދިނުމަށް އެދޭ ކަމަށެވެ.

އާޒިމްގެ ފަރާތުން ހުލާސާ ބަޔާން އިއްވަމުން ވަކީލު އިބްރާހިމް ޝިޔާމް ވިދާޅުވީ ދައުލަތުން ދައުވާ ހުށަހަޅާފައިވާ އިރު ދައުވާގެ ސީގާގައި ހުރި ބައެއް ކަންކަން ސާފު ނުވާ ކަމަށެވެ. އެގޮތުން ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަހަށް ބަލާއިރު ވެސް 22 ފެބުރުއަރީ ދުވަހުގެ ރޭ މުޒާހަރާއެއް ކުރިކަމާއި، ގަލާއި ފުޅިފަދަ ތަކެތި އުކިކަން އަދި ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން ނަސޭހަތްތެރިވިކަން ވެސް ސާފުނުވާ ކަމަށް ވަކީލު ވިދާޅުވި އެވެ.

އޭގެ އިތުރުން މުޒާހަރާ ރޫޅާލަން ކުރި އަމުރަކީ ގައިރު ގާނޫނީ އަމުރެއްކަމަށް ވެސް އާޒިމްގެ ވަކީލު ޝިޔާމް ވަނީ ހުލާސާބަޔާނުގައި ފާހަގަކުރައްވާފަ އެވެ. އަދި ފުލުހުން ފަހަތަށް ޖެހުމަށް އަންގާފައި ނުޖެހުމުން ހައްޔަރު ކުރި އިރު ޖެހެންވީ ކޮޮން ހިސާބަކަށް ކަންވެސް ބުނެދީފައި ނުވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ފަހަތަށް ޖެހެންވީ ހިސާބެއް ނާންގައި ހައްޔަރު ކުރި ކުރުމަކީ އިންސާފުންބޭރުން ކުރި ކަމެއް ކަމަށް ވެސް އާޒިމްގެ ވަކީލު ވިދާޅުވި އެވެ.

ދެ ފަރާތުން ވެސް ހުލާސާ ބަޔާން އިއްވައި ނިމުމުން ގާޒީ އަބްދުﷲ ނަޝީދު ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮއްނާނީ މައްސަލައިގެ ހުކުމް ކަމަށާއި އަދި މައްސަލަ ސާބިތުވާނަމަ އާ ގާނޫނުލް އުގޫބާތުގެ ދަށުން އަދަބު ކަނޑައެޅުމަށް ހަމަ އެދުވަހު އަޑު އެހުމެއް ބާއްވާނެ ކަމަށެވެ.

ފުލުހުންގެ ދައުރު އަދާކުރުމަށް ދަތި ކުރުމުގެ ދައުވާ އާޒިމްގެ މައްޗަށް ސާބިތުވެއްޖެ ނަމަ 12000 ރުފިޔާ އިން ޖޫރިމަނާ ކުރުން ނުވަތަ ހަ މަސް ދުވަހަށް ޖަލަށްލާނެ އެވެ. އެހެންކަމުން އާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާ އޭނާގެ މައްޗަށް ސާބިތުވިޔަސް މެންބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. ނަމަވެސް އާ ގާނޫނުލްއުގޫބާތުގެ ދަށުން އެއަދަބު ލުއިވެގެންދާނެ އެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ)ގެ ދެ ވަނަ ނަންބަރުގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެ، އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން އެ މީހަކު ވަކިވާނެ ކަމަށެވެ.