09 Sep 2015, 15:44
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލުހުކުމުގެ އިސްތިއުނާފު މައްސަލަ ބަލައިގަތުމާ މެދު މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ވެސް ގޮތެއް ނުނިންމި އެވެ.
މިއަދު ބޭއްވި އަޑުއެހުން ނިންމަވާލައްވަމުން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ބުނީ އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމާނީ ފަހުން ކަމަށެވެ.
މިއަދު ބޭއްވި އެ އަޑުއެހުމަކީ ދައުލަތުން ރައީސް ނަޝީދާ ދެކޮޅަށް ދައުވާ ކުރި މައްސަލަ ދައުލަތާ އެއްކޮޅަށް ނިމިފައިވާއިރު، ޕްރޮސިކިއުޓާ ޖެނެރަލް އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވާތީ ހައިކޯޓަށް އެ މައްސަލަ ބަލައިގަތުމާމެދު ގޮތެއް ނިންމުމުގެ ކުރިން މައުލޫމާތު އޮޅުންފިލުވުމަށް ބޭއްވި އަޑުއެހުމެކެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުންނަށާއި ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންނަށް ވެސް ވާހަކަދެއްކުމަށް ފުރުސަތުދީފައިވެއެވެ.

ހައިކޯޓުގައި ބޭއްވި އަޑުއެހުމަށްފަހު ރައީސް ނަޝީދު މާފުށީ ޖަލަށް ގެންދިޔުމަށްޓަކައި ކަރެކްޝަނަލް ސާވިސްގެ ލޯންޗަށް އަރުވަނީ ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދެ ފަރާތުން ވެސް ވާހަކަދެއްކި އިރު، ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކާ މެދު ވަރަށް ބޮޑަށް ޚިޔާލު ތަފާތުވިއެވެ.
ދައުލަތުން ހުށަހެޅި ބައެއް އިސްތިއުނާފީ ނުކުތާތަކުގައި ވަކި ސްޓޭންޑެއް ނެގުމުގެ ބަދަލުގައި، އެ ނުކުތާތަށް ހުށަހަޅާފައި ވަނީ ރައީސް ނަޝީދުގެ ފަރާތުން އެގޮތަށް ވިދާޅުވާތީ ކަމަށް ދައުލަތުން ހުށަހެޅި ބައެއް އިސްތިއުނާފު ނުކުތާތަކުގައި ވަނީ ބުނެފައެވެ.
އެ ނުކުތާތަކާ ގުޅިގެން ރައީސް ނަޝީދުގެ ގާނޫނީ ވަކީލުން ވިދާޅުވީ ވަކި ސްޓޭންޑެއް ނުނަގައި އިސްތިއުނާފު ނުކުތާތަކެއް ހުށަނޭޅޭނެ ކަމަށާއި ދަށު ކޯޓުގައި އަމަލުކުރި އުސޫލަކީ ގާނޫނާ ޚިލާފަށް ކުރި ކަމެއްކަން ނުވަތަ ނޫންކަން ކޮންމެ އިސްތިއުނާފީ ނުކުތާއެއްގައި ވެސް ބުނެދޭންޖެހޭނެ ކަމަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ ވަކި ސްޓޭންޑެއް ނުނަގައި އިސްތިއުނާފު ނުކުތާތައް ހުށަހަޅާފައި ވަނީ ހައިކޯޓުން ވަކި ގޮތެއް ކަނޑައަޅައިދިނުމަށް ދައުލަތުން އެދޭތީ ކަމަށެވެ.

ހައިކޯޓުގައި ބޭއްވި އަޑުއެހުމަށްފަހު ރައީސް ނަޝީދު މާފުށީ ޖަލަށް ގެންދިޔުމަށްޓަކައި ކަރެކްޝަނަލް ސާވިސްގެ ލޯންޗަށް އަރުވަނީ ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
އެ މައްސަލަ ދައުލަތަށް އިސްތިއުނާފު ކުރެވިދާނެތޯ ފަނޑިޔާރުން ސީދާ ނަޝީދާ ސުވާލު ކުރެއްވުމުން ރައީސް ނަޝީދު ސީދާ ޖަވާބެއް ނުދެއްވައި ވިދާޅުވީ އެއީ އެމަނިކުފާނާ ދެކޮޅަށް ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލައެއް ނޫން ކަމަށާއި އެއީ ރައްޔިތުންނާ ދެކޮޅަށް ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލައެއް ކަމަށެވެ.
އެ ސުވާލު ރައީސް ނަޝީދުގެ ފަނޑިޔާރުންނާ ކުރެއްވުމުން ވަކީލު ހިސާން ހުސައިން ވިދާޅުވީ އެކަން ކުރެވިދާނެތޯ އެއީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ. ނަމަވެސް އެހެން ވިދާޅުވުމުން އެއީ އެ މައްސަލަ ދައުލަތަށް ހުށަނޭޅޭނެއޭ ދެންނެވީ ނޫން ކަމަށް ހިސާން ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ނުކުރެއްވީ ކީއްވެތޯ ފަނޑިޔާރުން ކުރެއްވި ސުވާލުގެ ޖަވާބުގައި ވަކީލުން ވިދާޅުވީ އެމަނިކުފާނުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ނުކުރީ، ކްރިމިނަލް ކޯޓުން ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ލިބުނު އިރު ދަށު ކޯޓުން ނިންމާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ މުއްދަތު ހަމަވެފައިވާތީ ކަމަށެވެ.

ހައިކޯޓުގައި ބޭއްވި އަޑުއެހުމަށްފަހު ރައީސް ނަޝީދު ވަނީ އަނބުރާ މާފުށީ ޖަލަށް ގެންގޮސްފައި ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
އިސްތިއުނާފު ކުރަން މަސައްކަތް ނުކުރީ އިސްތިއުނާފު މުއްދަތު ހަމަވެފައިވާތީ ކަމަށް ވިދާޅުވާއިރު، އެ މުއްދަތު ހަމަވެފައި އޮތަސް ދައުލަތަށް އިސްތިއުނާފު ކުރެވޭނެ ކަމަށް ނަޝީދުގެ ފަރާތުން ދެކެނީތޯ ފަނޑިޔާރުން ކުރި ސުވާލުގެ ޖަވާބުގައި ވަކީލުން ވިދާޅުވީ އިސްތިއުނާފު މުއްދަތުހަމަވުމަށްފަހު ދައުލަތަށް ވެސް މައްސަލަ އިސްތިއުނާފު ނުކުރެވޭނެ ކަމަށެވެ.
ހައިކޯޓުން ބާއްވާ އިބްތިދާއީ އަޑުއެހުންތަކަކީ އާންމުކޮށް ހުޅުވާނުލައި ބާއްވާ އަޑުއެހުންތަކެއް ކަމަށް ވިޔަސް މިއަދުގެ އަޑުއެހުން ބާއްވާފައި ވަނީ އާންމުކޮށް ހުޅުވާލައިގެންނެވެ.
އިބްތިދާއީ އަޑުއެހުން އަޑުއެހުމަށް ރައީސް ނަޝީދުގެ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަމާލް ކްލޫނީ އާއި ދިވެހި ސަރުކާރުގެ ފަރާތުން އެ މައްސަލާގައި މަސައްކަތް ކުރައްވާ ބައިނަލްއަގްވާމީ ވަކީލް ވެސް ވަޑައިގަތެވެ.
މިއަދުގެ އަޑުއެހުން ކުރިއަށްދިޔައިރު އެމްޑީޕީގެ ސަޕޯޓަރުންތަކެއް ވަނީ ހައިކޯޓު ސަރަހައްދަށް އެއްވެސް ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލައިފައެވެ.