09 Sep 2015, 16:03
އަންނަ ހަފްތާގެ އަންގާރަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ "މިނިވަން 50 ޗެމްޕިއަންޝިޕް" ފުޓުބޯޅަ މުބާރާތުގައި އައްޑޫން ބައިވެރިވާ ކޮންމެ ޓީމަކަށް އެ ސިޓީގެ ކައުންސިލުގެ ފަރާތުން 15،000 ރުފިޔާ ފައިސާގެ އެހީ ދިނުމަށް ނިންމައިފި އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު މިއަދު ވިދާޅުވީ އެ މުބާރާތުގައި އައްޑޫން ބައިވެރި ޓީމުތަކަށް ކައުންސިލުން ފައިސާގެ އެހީ ދިނުމަށް ނިންމާފައި ވަނީ އެ މުބާރާތަކީ ހަރަދު ބޮޑު މުބާރާތަކަށްވުމާ އެކު ކުޅުންތެރިންނަށް ފަސޭހަކޮށް ދިނުމުގެ ގޮތުން ކަމަށެވެ.
މޭޔަރު ވިދާޅުވީ އައްޑޫން ހަތަރު ޓީމް ބައިވެރިވާ އިރު އެއިން ކޮންމެ ޓީމަކަށް 15،000 ރުފިޔާގެ ރޭޓުން 60،000 ރުފިޔާ ސިޓީ ކައުންސިލުން ހަރަދު ކުރާނެ ކަމަށެވެ. ނަމަވެސް އެ ފައިސާއަކީ ޓީމުތަކަށް ނަގުދުން ދޫކުރާ ފައިސާއެއް ނޫން ކަމަށް މޭޔަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އައްޑޫ ސިޓީ ކައުންސިލުން ވަނީ މުބާރާތުގައި އައްޑޫ އިން ބައިވެރިވާ ކޮންމެ ޓީމަކަށް 15،000 ރުފިޔާއާ ހަމައަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ނިންމާފައި. އަޅުގަނޑުމެން އެގޮތަށް ނިންމާފައި ވަނީ ކުރިއަށް ފަށަން އޮތް މިނިވަން 50 ޗެމްޕިއަންޝިޕްއަކީ ގިނަ ހަރަދުތަކެއްވާ އަގުބޮޑު މުބާރާތަކަށް ވާތީ،" މޭޔަރު ވިދާޅުވި އެވެ.
އެ މުބާރާތުގައި އައްޑޫ އިން ބައިވެރި ވެފައި ވަނީ ހިތަދޫ އާއި މަރަދޫ ފޭދޫ އާއި ފޭދޫ އަދީ މީދޫ ކޮންމެ އަވަށަކުން ޓީމެކެވެ.
ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ އެ މުބާރާތުގައި ކޮންމެ ޓީމަކަށް ދެ ސެޓުގެ ޖޯޒީ ބޭނުންވާ އިރު ކުޅުންތެރިންގެ ޓްރެއިނިން އަށް ވެސް ބޫޓު ފަދަ ތަކެތި ބޭނުންވާނެ އެވެ. އެހެން ކަމުން އެ ފޯރު ކޮށްދޭ 15،000 ރުފިޔާގެ ފައިސާގެ އެހީ އަކީ ކުޑަ އަދަދެއް ކަމަށް ސޯދިގު ވިދާޅުވި އެވެ.
އައްޑޫ ޓީމުތަކަށް ސިޓީގެ އާންމުންނާއި ވިޔަފާރިވެރިން ވީހާ ވެސް ބޮޑަކަށް އެހީތެރިކަން ފޯރު ކޮށްދެއްވުމަށް އިލްތިމާސް ކުރައްވާފައިވާ އިރު މިހާރު ވެސް ގިނަ ފަރާތްތަކެއްގެ އެހީ ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުމްލަ ތިން ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 79 ޓީމް ބައިވެރިވެފައިވެ އެވެ. އެއަށް ފަހު ޒޯނުތަކުގެ މެދުގައި ދެވަނަ ބުރުގެ މެޗުތައް ކުޅުމަށް ފަހު ތިންވަނަ ބުރު ކުޅުމަށް ހަމަޖެހިފައި ވަނީ އައްޑޫ އާއި ހދ. ކުޅުދުއްފުށީގަ އެވެ.