09 Sep 2015, 13:22
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލްއަގުވާމީ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަމަލް ކްލޫނީ އެޓާނީޖެނެރަލް މުހައްމަދު އަނިލްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މިއަދު 11:20 އިން 12:40 ހާއިރަށް ދެމިގެން ދިޔަ އެބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމާ ބެހޭ ގޮތުން އޭޖީ އޮފީހުން ވެސް އަދި ނަޝީދުގެ ވަކީލުން ވެސް އެއްވެސް މައުލޫމާތެއް މީޑިއާއާ ހިއްސާކޮށްފައެއް ނުވެ އެވެ.
ނަޝީދުންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފު ވިދާޅުވީ އޭޖީއާ އެކު ކުރިއަށް ދިޔައީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށާއި ބައްދަލުވުމާ ބެހޭ މައުލޫމާތު މާދަމާގެ ވަގުތެއްގައި މީޑިއާއާ ހިއްސާކުރައްވާނެ ކަމަށެވެ.

ނަޝީދުގެ ބައިނަލްއަގުވާމީ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަމަލް ކްލޫނީ އެޓާނީޖެނެރަލް މުހައްމަދު އަނިލްއާ މިއަދު ވަނީ ބައްދަލު ކުރައްވާފައި -- ސަންފޮޓޯ -- ޔޫސުފް ސޮފްވާން
އޭޖީ އަނިލްގެ އިތުރުން ސަރުކާރުގެ ފަރާތުން ރައީސް އަބްދުﷲ ޔާމީނާއި ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ނައިބު ރައީސް އަހުމަދު އަދީބުގެ އިތުރުން ބައެއް އިސްވެރިންނާ ބައްދަލުކުރެއްވުމަށް އަމަލް ވަނީ އެދިވަޑައިގެންފަ އެވެ. ނަމަވެސް ސަރުކާރުން ބުނެފައި ވަނީ ނަޝީދުގެ ބައިނަލްއަގްވާމީ ވަކީލުންނާ ސަރުކާރުގެ ފަރާތުން ބައްދަލު ކުރައްވާނީ އޭޖީ އަނިލް ކަމަށެވެ.
އިއްޔެގެ ވަގުތެއްގައި އަމަލް ވަނީ މާފުށި ޖަލަށް ޒިޔާރަތްކުރައްވައި ރައީސް ނަޝީދާ ވެސް ބައްދަލުކުރައްވައިފަ އެވެ. އަދި އެ ބައްދަލުވުމަށް ފަހު، އަމަލް މީޑިއާ އަށް ވިދާޅުވީ ނަޝީދު އެދިވަޑައިގެންފައި ވަނީ އުންމީދު ކަނޑާ ނުލުމަށް ކަމަށެވެ.
ނަޝީދުގެ މައްޗަށް ކުރި 13 އަހަރުގެ ޖަލު ހުކުމް ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ އިރު އެ މައްސަލަ ބަލައިގަތުމާ މެދުގޮތެއް ނިންމަން އިބްތިދާއީ އަޑު އެހުމެއް މިއަދުގެ 2:00 އަށް ވަނީ ތާވަލުކޮށްފަ އެވެ.
ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލާފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައިގެން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ސިފައިންނަށް އަމުރު ކުރެއްވި މައްސަލައިގަ އެވެ. އެ މައްސަލާގައި ނަޝީދުގެ މައްޗަށް ދައުވާކޮށް އަދި ހުކުމް އިއްވާފައި ވަނީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުންނެވެ.