17 Mar 2011, 17:17
ޓޯކިޔޯ : މައްސަލަޖެހިފައިވާ ޖަޕާނުގެ ފުކުޝީމާ ނިއުކްލިޔަރ އެކުވެނީގެ ރިއެކްޓަރ ތަކުގެ ހޫނު މައްޗަށް ގޮސްފައިވާ ބައިތައް ފިނިކުރުމަށް އެޤައުމުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އެބަގެންދެއެވެ.
މިކަމަށްޓަކައި ޖަޕާނުގެ ދިފާޢީ ބާރުތަކުގެ ގެންދަނީ އެތަށްޓަނެއްގެ ފެން މިރެއެކްޓަރ ތަކަށް އެޅުމުގެ މަސައްކަތް ހެލިކޮޕްޓަރުތަކުގެ އެހީގައި ކުރަމުންނެވެ. ފުކުޝީމާ ރިއެކްޓަރތަކަށް ކުރިމަތިވެފައިވާ ރޭޑިއޭޝަން ލީކުވުމުގެ މައްސަލަ ޙައްލުނުވާތީ ޖަޕާނުގެ ނިއުކްލިޔަރ ސަލާމަތާބެހޭ އެޖެންސީންވަނީ މި އެކުވެނީގައި މަސައްކަތްކުރާ ހުރިހާ މީހުން އެތަނުން ދުރަށްގެންގޮސް އެކުވެނީގެ މަސައްކަތް މުޅިން ހުއްޓާލާފައެވެ. މިހާރުކުރެވެމުންދަނީ އެތަން ފިނިކުރުމާއި އެތަނުން ލީކުވާ މައްސަލަ ޙައްލުކުރުމުގެ މަސައްކަތެވެ.
އަނެއްކޮޅުން ނިއުކްލިޔަރ މައްސަލާގައި ޖަޕާނުން އެހީތެރިކަމަށް އެދިފައިވާ އެމެރިކާ ވަނީ ފުކުޝީމާ ރިއެކްޓަރ ތަކުގެ ތެރޭން ބައެއް ރިއެކްޓަރތަކުގެ ނުރައްކާ ވަރަށް ބޮޑު ކަމަށް ބުނެ ޖަޕާނަށް އިންޒާރު ދީފައެވެ.
ރިޕޯޓްތައް ބުނާގޮތުން ބިންހެލުމާއި ސުނާމީގައި ފުކުޝީމާ ގެ ބައެއް ރިއެކްޓަރ ތަކަށް މިހާބޮޑު ގެއްލުމެއް ލިބުނީ މިރިއެކްޓަރު ތައް ބިނާކުރުމުގައި ބޭނުންކޮށްފައިވާ ޤަދީމީ ޓެކްނޮލިޖީގެ ސަބަބުންނެވެ. މީގެ ތިރީސް އަދި ސާޅީހަކަށް އަހަރުކުރީގެ ޓެކްނޮލޮޖީގައި ބިނާކޮށްފައިވާ މި ރިއެކްޓަރ ތައް ޒަމާނުގެ ޓެކްނޮލޮޖީގައި މަރާމާތުކުރުމަކީވެސް އުނދަނގޫ ވާނެ ކަމެއްކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ.(ނޫސްއެޖެންސީތައް)