09 Sep 2015, 13:41
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޗެއާމަން އަދި ބްރޯޑްކާސްޓިން ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރައްވާފައިވާ އިބްރާހީމް އުމަރު މަނިކު، ޕްރައިވެޓް ޗެނެލް، "ޗެނަލް 13"ގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ)ގެ މަގާމަށް ހަމަޖައްސައިފި އެވެ.
މަނިކު އެ ޗެނަލްގައި މަސައްކަތް ކުރައްވަން ފެއްޓެވިތާ ދެ ހަފުތާއެއްހާ ދުވަސް ވަނީ ވެފަ އެވެ.
މަނިކު މިއަދު ސަން ވިދާޅުވީ އެ ޗެނެލަކީ މީހުން ބަލައިގަންނަ ޗެނަލަކަށް ހެއްދެވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށާއި އެކަން ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ކުރައްވާ މަަސައްކަތަކީ ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގަވައި މީހުން ތަމްރީނު ކުރެެއްވުމުގެ މަސައްކަތް ކަމަށެވެ. އޭގެ ތެރޭގައި ޓެކްނިކަލް މީހުން ތަމްރީނު ކުރުމާއި އޮންއެއާ މީހުންނާއި ނޫސްވެރިން ތަމްރީނު ކުރުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތަނުގެ ކެޕޭސިޓީ މަތިކޮށް، އިކްވިޕްމަންޓާއި ތަން ފުޅާ ކުރުން ވެސް ހިމެނޭ،" މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުއްލި އަކަށް ސްކްރީނުން މާ ބޮޑު ބަދަލުތަކެއް އަދި ނުފެންނާނެ ކަމަށާއި އެކަމަށް ކޮންމެ ވެސް ވަރެއްގެ ވަގުތުކޮޅެއް ނަގާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ޗެނަލަކީ ވެސް މައިގަނޑު ގޮތެއްގައި ނިއުސް އެންޑް ކަރަންޓް އެފެއާސް އަށް އިސްކަން ދޭނެ ޗެނަލެއް ކަމަށާއި ނަމަވެސް ޒުވާނުންނަށް ހާއްސަ އިސްކަމެއް ޗެނަލުގެ ޕްރޮގްރާމުތަކުން ދެއްވާނެ ކަމަށެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޗެއާމަނަކަށް ހުންނަވައިގެން އަމިއްލަ ޗެނަލެއްގެ އިސް މަގާމެއް އަދާކުރެއްވުމަކީ މަސްލަހަތު ފުށުއާރާނެ ކަމެއްތޯ ދެންނެވުމުން އޭނާ ވިދާޅުވީ ޕީއެސްއެމްގެ އާ ގާނޫނުގައި އެފަދަ އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ އެކްސްޕަޓީސް އަށް އެދުނު ބަޔަކަށް ހިދުމަތް ދެއްވުމުގެ ގޮތުން އެ ޗެނެލާ ގުޅިވަޑައިގަތީ ކަމަށެވެ.