ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ލޯނު ނަގާ ކަސްޓަމަރުންނަށް ނުކުޅުދުންތެރި ކަމެއް ދިމާވެއްޖެ ނަމަ ނުވަތަ މަރުވެއްޖެ ނަަމަ އެ ލޯނު ފައިސާ އެލައިޑް އިންޝޫރެންސް ދައްކައި ނިންމާ ގޮތަށް އިންޝޫރެންސް ޕޮލިސީއެއް ތައާރަފްކޮށްފި އެވެ. އެ ސުކީމް ތައާރަފްކުރުމުގެ ގޮތުން އެލައިޑް އިންޝޫރެންސްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެލައިޑް އިންޝޫރެންސާއި އެޗްޑީއެފްސީ އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ. އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހުމަދު އަމީލް އެވެ. އެޗްޑީއެފްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޕްރިޔަންކާ ބައްޑެވިތާ އެވެ. އެ ސުކީމަކީ މޯގޭޖް ޕްރޮޓެކްޝަން އަދި އިންޝޫރެންސް އަދި ޓޯޓަލް ޕާމަނެންޓް ޑިސްއެބިލިޓީ އިންޝޫރެންސް ސުކީމެވެ.

"ލޯނު ނަގާ ފަރާތްތަކަށް ދިމާވާ ހާދިސާތަކުން އެ ލޯނު ނަގާ ފަރާތަށް ދާއިމީ ނުކުޅެދުންތެރި ކަމެއް ނޫނީ ކުއްލިއަކަށް ނިޔާވީ އެހެންވެއްޖެ ކަމަށް ވަންޏާ ލޯނުގެ ބާކީ ބައި އިންޝޫރެންސުން ދައްކާދޭނެ،" އާމީލް ވިދާޅުވި އެވެ.

އެކަން ކުރުމަށް މަޝްވަރާ ކުރާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި ނަމަވެސް އެ ކަން އެންމެ ރަނގަޅަށް ކުރަންވެގެން ދުވަސްކޮޅެއް ނެގީ ކަމަށް ވެސް އަމީލް ވިދާޅުވި އެވެ.

އެ އިންޝޫރެންސް ޕޮލިސީ ތައާރަފް ކުރުމުގައި އެޗްޑީއެފްސީއާ އެކު ވަރަށް ގާތުން މަސައްކަތްކޮށްފައިވާ ކަމަށް ވެސް އަމީލް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕްރިޔަންކާ ބައްޑެވިތާ ވިދާޅުވީ މިއަަަދަކީ އެޗްޑީއެފްސީ އާއި އެ ކުންފުނީގެ ކަސްޓަމަރުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. އެލައިޑް އިންޝޫރެންސްގެ އިންޝޫރެންސް ޕޮލިސީގެ ސަބަބުން ކަސްޓަމަރުން ލޯނުނަގައިގެން ހަދަމުންދާ އިމާރަތް އެ ކަސްޓަމަރަކަށް ހިތާމަވެރި ހާދިސާއެއް ދިމާވިޔަސް ކުރިއަށްދާނެ ކަަމުގެ ޔަގީންކަން އޮންނާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ޕޮލިސީގެ ސަބަބުން ކަސްޓަމަރުން މާލީ ގޮތުން ބާރުވެރިކުރެވޭނެ ކަަމަށް ބައްޑެވިތާ ވިދާޅުވިއެވެ. އަދި ގެއަށް ހެދުމަށް ލޯނު ނަގާ ކަސްޓަމަރަށް ނުކުޅެދޭ ހާލަތެއް މެދުވެރިވިޔަސް އެ މީހެއްގެ ދަރިން ލޯނުގެ މާލީ ބުރަ އުފުލަން ނުޖެހުމަކީ ދެވޭ ރައްކާތެރިކަަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސިނިއާ މެނޭޖާ އޮފް ބިޒްނަސް ޑިވެލޮޕްމެންޓް އެންޑް އޮޕަރޭޝަންސް މުހައްމަދު ޝަފީގު ވިދާޅުވީ އެ އިންޝުއަރެންސް ޕޮލިސީ އާއި ބެހޭ ގޮތުން ކަސްޓަމަރުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އެ ޕޮލިސީ ނަގަން ބޭނުންވާ ފަރާތްތަކުން އެޗްޑީއެފްސީގައި އެދުމުން ލިޔެކިޔުމުގެ ކަންތައް ހަމަޖައްސާދޭނެ ކަަމަށް ވެސް ޝަފީގު ވިދާޅުވި އެވެ. ނަމަވެސް އެ ޕޮލިސީ ނެގުމަކީ އިޚްތިޔާރީ ކަމެއް ކަމަށް އެޗްޑީއެފްސީން ބުންޏެވެ. އެޗްޑީއެފްސީން މިހާރު ލޯނު ނަގާފައިވާ ފަރާތްތަކާއި އަލަށް ލޯނު ނަގާ ފަރާތްތަކަށް ވެސް އެ އިންޝޫރެންސް ސްކީމް ނެގޭގެ ކަަމަށް އެޗްޑީއެފްސީން ބުންޏެވެ