17 Mar 2011, 16:55
މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް ]އެމްއެންއެސްއެލް[ގެ ދަރަނިތައް ބޮޑުވެފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ކުންފުނި އުވާލުމަށް ރައްޔިތުންގެ މަޖިލީހުން ނިިންމަވައިފި ނަމަ އެކަމަށް ތާއިދު ކުރައްވާނެ ކަމަށް އެމްއެންއެސްއެލްގެ ޗެއާމަން މުހައްމަދު ޝަރީފު ]ސެންކޯ ޝަރީފު[ މިއަދު ވިދާޅުވެއްޖެ އެވެ.
އެމްއެންއެސްއެލްގެ މާލީ ތަނަވަސް ކަމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޓްގެ މެންބަރުން މިއަދު ހާޒިރުކޮށް، މާލިއްޔަތު ކޮމެޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އެމްއެންއެސްއެލްގެ ޗެއާމަން ސެންކޯ ޝަރީފު ވިދާޅުވީ ކުންފުނީގެ ދަރަނިތައް ބޮޑުވި ކަމުގައި ވިޔަސް، ކުންފުނި ހަރުދަނާކޮށް ރައްޔިތުންނަށް ފައިދާ ކުރަނިވި ކުންފުންޏަކަށް ހެދިދާނެ ކަމަށެވެ. ނަމަވެސް މާޒީގައި ކުންފުނި ހިންގި ގޮތުން، މިއަދު ވެސް ކުންފުނީގެ ދަރަނިތަކުން ސަލާމަތްނުވެވި، އިތުރު ހަދަދުތަކެއް މިއަދު ވެސް ސަރުކާރުން ކުރަންޖެހުމުން މަޖިލީހުން ކުންފުނި އުވާލުމަށް ނިންމާ ގޮތަށް ތާއިދު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިޔަ ބޭފުޅުން ނިންމާގޮތަށް އަޅުގަނޑު ތާއިދު ކުރާނަން. އެކަމަކު މި ކުންފުންޏަކީ ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދެވިދާނެ ކުންފުންޏެއް. ފައިދާތަކެއް ހާސިލް ކުރެވިދާނެ ކުންފުންޏެއް."
މާލިއްޔަތު ކޮމެޓީއަށް މިއަދު ހާޒިރު ކުރި އެމްއެންއެސްއެލްގެ ބޯޑު މެންބަރުންގެ ތެރެއިން އެ ކުންފުނީގެ ޑިރެކްޓާ ޖެނަރަލް ހަސަން މަނިކު ވިދާޅުވީ ކުންފުނި މިހާރު ހިންގަމުންދަނީ ކާގޯ އުފުލާ ބޯޓެއް ކަމަށްވާ "މޯލްޑިވްސް ކެރިއާ" ވިއްކާލުމަށް ފަހު ލިބުނު 1.2 މިލިއަން ޑޮލަރުން ކަމަށެވެ. އަދި އެ ފައިސާ އިން ކުންފުނި ހިންގަމުންދާ އިރު، ކުންފުންޏަށް ހަމައެކަނި އާންދަނީ ވަންނަ ބޯޓް "މޯލްޑިވްސް އެންޓާޕްރައިޒް" ވެސް ވިއްކާލަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ބޯޓް ވިއްކާލުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެ، ސެންކޯ ޝަރީފު ވިދާޅުވީ ބެންކް އޮފް މޯލްޑިވްސްއިން (ބީއެމްއެލް) އެމްއެންއެސްއެލް އަށް ނަގާފައިވާ ލޯންތަކާ ގުޅިގެން އެ ބޯޓް ރަހުނުކޮށްފައިވާ ކަމަށެވެ. އަދި އެއީ ބޯޓް ވިއްކާލުމަށް އޮތް ހުރަހެއް ކަމަށާއި އެކަމާ މެދު ބީއެމްއެލްއާ ވާހަކަ ދައްކަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ ސައްސައިންސައްތަ ކުންފުނި، އެމްއެންއެސްއެލް އޮޑިޓް ރިޕޯޓްތަކުން ދައްކާ ގޮތުން 2007 ވަނަ އަހަރާއި 2008 ވަނަ އަހަރު ކުންފުންޏަށް ގެއްލުންވެފައި ވަނީ 6.7 މިލިއަން ޑޮލަރު، ]ގާތްގަނޑަކަށް 86 މިލިއަން ރުފިޔާ[ އެވެ. އަދި 16.4 މިލިއަން ޑޮލަރު ]ގާތްގަނޑަކަށް 210.74 މިލިއަން ރުފިޔާއިން[ ދަރަނިވެރިވެފައިވެ އެވެ.
މިއަދުގެ ބައްދަލުވުމުގައި މާލިއްޔަތު ކޮމެޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒީމް ވިދާޅުވެފައި ވަނީ އެމްއެންއެސްއެލްގެ ދަރަނިތަކާއި ކުންފުންޏަށް ކުރަން ޖެހޭ ހަރަދުތައް ކުރުމުގައި ފައިނޭސް މިނިސްޓްރީން އެހީތެރިވަމުންދާ ކަމަށެވެ. އަދި ކުންފުންޏަށް ފައިދާއެއް ނުވެ ގެއްލުންތައް އިތުރުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.