ސަރުކާރުގެ ރަސްމީ ބޭނުންތަކަށް ޕާސަނަލް އީމެއިލް ބޭނުންކުރި މައްސަލާގައި އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިިލަރީ ކްލިންޓަން ފުރަތަމަ ފަހަރަށް މާފަށް އެދިވަޑައިގެންފި އެވެ.

އޭބީސީ ނިއުސް އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ހިލަރީ ވިދާޅުވީ ދެ އީމެއިލް އެކައުންޓު ބޭނުން ކުރަން ޖެހޭނެ ކަން ގަބޫލު ކުރާ ކަމަށެވެ. އެއީ އަމިއްލަ ބޭނުންތަކަށް އެއް އެކައުންޓް އަދި ރަސްމީ ބޭނުންތަކަށް އަނެއް އެކައުންޓް ކަމަށް ހިލަރީ ވިދާޅުވެފައިވެ އެވެ.

"އެއީ އަހަރެންގެ މިސްޓޭކް، އަހަރެން އެކަމާ މާފަށް ވެސް އެދެން، އަދި އެކަމުގެ ޒިންމާ ފުރިހަމައަށް ނަގަން،" އޭބީސީ ނިއުސް އަށް ހިލަރީ ދިން އިންޓަވިއުގައި ވިދާޅުވި އެވެ.

ހިލަރީ ކްލިންޓަން މީޑިއާ މެދުވެރިކޮށް މާފަށް އެދިވަޑައިގެންފައި މިވަނީ ރަސްމީ ބޭނުންތަކަށް އަމިއްލަ މެއިލް ބޭނުން ކުރުމަކީ ހުއްދަ ކަމެއް ކަމަށާއި އެކަމާ އޭނާ މާފަށް އެދެން ނުޖެހޭނެ ކަމަށް އޭޕީ ނިއުސްގައި ވިދާޅުވިތާ އެއް ދުވަސް ފަހުންނެވެ.

ހިލަރީ އޭބީސީ އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އަމިއްލަ އީމެއިލް އެކައުންޓް ރަސްމީ ބޭނުންތަކަށް ބޭނުން ކުރުމުން އާންމުންގެ ފަރާތުން ގިނަ ސުވާލުތަކެއް އޭނާއާ ކުރިމަތި ކުރުވާފައިވާ ކަމަށާއި އަދި އެ ހުރިހާ މަރުހަލާއެއް އޭނާ ކަޑައްތު ކުރާނެ ކަމަށެވެ. ހިލަރީ ވިދާޅުވީ ދެން އަންނަ ދައުރެއްގައި އޭނާ ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށާއި އެކަން ކުރަނީ ގައުމު ބޭނުންވާ ކަމެއް ކުރުމަށް ކަމަށެވެ.

މަގާމުގައި ހުންނެވި އިރު އެކަމަނާ ޕްރައިވެޓް މެއިލްއެއް ބޭނުން ކުރެއްވުމާ ގުޅިގެން އާންމުން ފާޑު ކިޔަން ފެށުމުން، ކްލިންޓަން ވަނީ ސްޓޭޓް ޑިޕާޓްމެންޓްގައި އެތަކެތި އާންމު ކުރެެއްވުމަށް އެދިވަޑައިގެންފަ އެވެ. އެ މެއިލްތަކުގެ ތެރެއިން މިހާތަނަށް އާންމުކޮށްފައި ވަނީ ދެ ބެޗެއްގެ މެއިލް އެވެ.

މައުލޫމާތު: ފޮކްސްނިއުސް