މާފުށި ޖަލަށް އެތެރެކުރުމަށް ގެންދިޔަ ކަމަށް ބެލެވޭ މަސްތުވާތަކެއްޗާއި ފަސް ފޯނު އަތުލައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރީ 32 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާގެ އިތުރު ވަނަވަރެއް ފުލުހުން އާންމެއް ނުކުރެ އެވެ.

ފުލުހުން ބުނީ އޭނާގެ އަތުން މަސްތުވާ އެއްޗެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ތިން ޕެކެޓާއި ފަސް މޯބައިލް ފޯނާއި މޯބައިލް ފޯނުގެ ދެ ޗާޖަރާއި މޯބައިލް ފޯނުގެ ހަ ބެޓެރީ ފެނިފައިވާ ކަމަށެވެ. އޭނާ ހައްޔަރު ކުރީ މާލެ އިން ކ. މާފުއްޓަށް ދިޔަ ލޯންޗަކުން ބަނދަރަށް އޭނާ ފޭބުމާ އެކު ކަމަށް ވެސް ފުލުހުން ބުންޏެވެ.

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ޕެކެޓްތަކާއި ފޯންތަކާއި ބެޓްރީތަކާއި ޗާޖަރުތައް ފެނިފައި ވަނީ އޭނާ ފުލުހުން ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރުމުން ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް މާފުށީ ކޯޓުން ވަނީ ޖަހައިދީފަ އެވެ.

އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ބިރުދައްކައިގެން ފޭރުމާއި ވައްކަން ކުރުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.