09 Sep 2015, 11:44
ކުރީގެ ޖިނާއީ ކޯޓުން މީހެއްގެ މައްޗަށް އިއްވި މަރުގެ ހުކުމް ބާތިލްކޮށް އެ މައްސަލަ އަލުން ބަލަން ހައިކޯޓުން ކުރި އަމުރާ ގުޅިގެން އަލުން މައްސަލަ ބަލަން ކްރިމިނަލް ކޯޓުގައި މިއަދު ތާވަލްކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.
ގއ. ވިލިނގިލީ ކަނޑުއޮޅި މުހައްމަދު ޝިހާބު މަރާލުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެއަތޮޅު މާމެންދޫ ތަރިވިދާގޭ މުހައްމަދު ގާސިމާއި އިތުރު ބަޔަކު މެރުމަށް ޖިނާއީ ކޯޓުން ހުކުމް ކުރީ 2006 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ މައްސަލަ އަލުން ބަލަން ހައިކޯޓުން އެންގީ 2013 ވަނަ އަހަރުގެ ތެރޭގައެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ އެމައްސަލައިގެ އަޑުއެހުން ކެންސަލް ކުރީ ޕީޖީ އޮފީހުން އެދިގެން ކަމަށެވެ.
މުހައްމަދު ގާސިމްގެ އިތުރުން އެ މައްސަލާގައި މަރުގެ ހުކުމް އިއްވާފައި ވަނީ ގއ. މާނެންދޫ ގުލިސްތާނުގޭ އަލީ މަސްއޫދު ސައީދާއި އެރަށު ޖަވާހިރުވާދީ ފަރިޔާޝް އަހްމަދާއި އެރަށު ޕިންކް ލައިޓް ޝިފްރާޒްގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ޖިނާއީ ކޯޓުން އިއްވި ހުކުމްގައި ވަނީ ގއ. ވިލިނގިލީ ކަނޑުއޮޅި މުހައްމަދު ޝިހާބު 2006 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު މާމެންދޫ އަތިރިފިނިވާގޭގައި ހުއްޓައި އެމީހުން އެގެއަށްވަދެ މުހައްމަދު ޝިހާބުގެ ގައިގައި ލަކުޑި ފަތިބުރިތަކުންނާއި އެމީހުންގެ އަތުންނާއި ފައިން ތަޅާފައިވާ ކަމަށެވެ. އަދި އެ މާރާމާރީގައި ލިބުނު ޒަޚަމްތަކަށް ބޭސްފަރުވާކުރަމުން ދަނިކޮށް ޖުލައި 17 ވަނަ ދުވަހު އޭނާ މަރުވެފައިވާ ކަމަށް ވެސް ޖިނާއީ ކޯޓުގެ ހުކުމްގައި ވެއެވެ.
ހައިކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވާ މުހިންމު ނުކުތާތައް
- އެ މައްސަލަ ދަށު ކޯޓުގައި ހިނގިއިރު ތިން ހެކިވެރިއެއްގެ ހެކިބަސް ނަގާފައިވަނީ އެ މީހުން ކޯޓަށް ހާޒިރުނުކޮށް ލިޔުމުން.
- މުހައްމަދު ގާސިމާ ދެކޮޅަށް ޖިނާއީ ކޯޓުގައި ހެކިބަސް ދިން އެއްވެސް ހެއްކެއްގެ ހެކިބަހުގައި ގާސިމްގެ މައްޗަށް އެ ކުށް ސާބިތުވާފަދަ ހެއްކެއް ގަރީނާއެއް ލިބިފައި ނުވާއިރު ދިފާއުގައި ހެކިން ހުށަހަޅަން ގާސިމް އެދިފައިވާކަން.
- ދަށު ކޯޓުން ހުކުމްކޮށްފައި ވަނީ ގާސިމަށް ލިބެންޖެހޭ ހެކިންނާ ސުވާލު ކުރުމުގެ ހައްގާއި ދިފާއުގައި ހެކި ހުށަހެޅުމުގެ ފުރުސަތު ދިނުމަށްފަހުގައި ކަމަށް ބެލެވެން ނެތްކަން.