17 Mar 2011, 16:45
އިސްލާމް އާބާދު : ޕައިލެޓަކާނުލާ ދަތުރުކުރާ އެމެރިކާގެ މަތިންދާބޯތަކުން ދިން ވައިގެ ޙަމަލާއެއްގައި ޕާކިސްތާނުގެ 35 މީހަކު މަރުވެއްޖެއެވެ.
ޕާކިސްތާނުގެ ޑޮން ނިއުސް ޗެނެލް އާ ޙަވާލާދީ ނޫސްއެޖެންސީތައް ބުނިގޮތުގައި އެމެރިކާގެ މަތިންދާބޯޓަކުން ފޮނުވާލި ދެ ރޮކެޓް އަރާފައިވަނީ ވަޒީރުސްތާނުގެ އުތުރުގައިވާ ދާޓާ ޚީލް އަވަށަށުގެ ގެއަކަށެވެ.
މިޙަމަލާ އަމާޒުކޮށްފައިވަނީ އެއަވަށުގައި ތިބި ތާލިބާނުންގެ ބަޔަކަށް ކަމަށް ބެލެވޭކަމަށާއި ނަމަވެސް މިޙަލާގައި މަރުވިމީހުންގެ ތެރޭގައި ހަނގުރާމަވެރިންނަށްވުރެ ގިނައީ ޢާންމުންކަމަށް ޕާކިސްތާނުގެ އަމްނާބެހޭ މަސްއޫލުވެރިއަކު ވިދާޅުވިއެވެ.
ޕައިލެޓުންނާ ނުލާ ދަތުރުކުރާ އެމެރިކާގެ ޖާސޫސީ މަތިންދާބޯޓުތަކުން ޕާކިސްތާނުގެ ވަޒީރުސްތާނަށް މީގެ ދެތިން އަހަރު ކުރިން ފެށިގެން ދެމުންގެންދާ ޙަމަލާތަކުގައި އެތަށް ހާސްބަޔަކު މަރުވެ އަދި ޒަޚްމްވެފައިވާއިރު މީގެތޭރޭގައި ގިނައީ ޕާކިސްތާނުގެ ކުޑަކުދިންނާއި އަންހެނުން ކަމަށް ޕާކިސްތާނުގެ އަމްނާބެހޭ މަސްއޫލުވެރިން ހާމަކުރައްވައެވެ.
އެމެރިކާގެ މިފަދަ ޙަމަލާތަކުގައި މިދިޔަ އަހަރުވެސް ހާހަކަށްވުރެ ގިނަމީހުން މަރުވިކަމަށް ޚަބަރުތައް ބުނެއެވެ. ހަނގުރާމައިގެ ޙާލަތްތަކުގައިވެސް ޢާންމުން މެރުމަކީ ބައިނަލްއަޤްވާމީ ގޮތުން މަނާކަމަކަށް ވިޔަސް ޕާކިސްތާނާއި އަފްޣާނިސްތާނާއި ޢިރާގަށް އެމެރިކާ ދޭ ވައިގެ ޙަމަލާތަކުގައި މިޤައުމުތަކުގެ ކުށެއްނެތް ޢާންމުން ޑަޒަން ޑަޒަނަށް މަރުވަމުންދާތާ އެތަށް އަހަރެއް ވެފައިވެއެވެ.
މިފަދަ ޙަމަލާތަކުގެ ފަހަތުގައިވާ އެމެރިކާގެ މަސްއޫލުވެރިންގެ މައްސަލަ ބަލައި އެބޭފުޅުން ޝަރީޢަތަށް ޙާޒިރުކުރުމުގައި ބައިނަލްއަޤްވާމީ މުޖްތަމަޢު ނާކާމިޔާބު ވެފައިވާ ކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ މަދަނީ ޖަމާއަތްތަކުން ބުނެއެވެ. (ނޫސްއެޖެންސީތައް)