18 Apr 2010, 15:09
14:30
ރައްޔިތުންގެ އަތުން އެއްވެސް ފީއެއް ނަގަންޖެހޭ ނުވަތަ ހޭދައެއް ކުރަންޖެހޭ ކަންކަމުގައި ވަޒީރުންގެ މަޖިލީހުން ނިންމަވާ ގޮތެއްގެ މަތިން މެނުވީ ޢަމަލު ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސަރުކާރުގެ އޮފީސްތަކަށް މިއަދު އަންގައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރެފައިވާ ދެންނެވުމެއްގައި ވަނީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގަޔާއި، އަދި ޤާނޫނެއްގެ ދަށުން ހަދާ ގަވާއިދަކާ ގުޅިގެން، ނަމަވެސް އެކަމެއް ކުރަންޖެހޭނީ ކަމާބެހޭ މިނިސްޓްރީއެއް މެދުވެރިކޮށް ވަޒީރުންގެ މަޖިލީހަށް އެކަމެއް ހުށަހަޅައިގެން، ކަމަށެވެ. އަދި އެ ވަޒީރުންގެ މަޖިލީހުން ނިންމަވާ ގޮތެއްގެ މަތިން މެނުވީ ސަރުކާރުގެ އެއްވެސް އޮފީހަކުން އަމަލް ނުކުރުމަށް ކަމަށްވެސް އެ ދެންނެވުމުގައި އޮފީސްތަކަށް އަންގާފައިވެ އެވެ.
އެ ދެންނެވުމެއްގައި، އެ ކަމަކާ ގުޅިގެން ވަޒީރުންގެ މަޖިލީހަށް އެ މިނިސްޓްރީއަކުން ހުށަހަޅާ ކަރުދާހަކާ ގުޅޭގޮތުން، އެ މަޖިލީހުގައި މަޝްވަރާކުރައްވައި ގޮތެއް ނިންމެވުމުގެ ކުރިން، އެކަންކަމާ ގުޅޭ އެއްވެސް ނިންމުމެއް ޢާންމު ނުކުރެއްވުމަށް ވެސް ވަނީ އަންގައިފަ އެވެ. އަދި އެ މައްސަލައަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުން ނިންމެވި ގޮތެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމާބެހޭ ވުޒާރާއަކަށް ރަސްމީގޮތުން އެންގުމުން، އެ ނިންމެވުމަކާ އެއްގޮތަށް ޢަމަލު ކުރުމަށް އެ ދެންނެވުމުގައި ވަނީ އަންގަވާފަ އެވެ.