ޔޫރޯ 2016 ގެ ކޮލިފައިންގައި ގުރޫޕް 'ސީ' ގައި މެސަޑޯނިއާގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ހަނި ގޮތަކުން މޮޅުވެ ސްޕެއިން ތާވަލްގެ އެއް ވަނައިގައި ހަމަޖެހިލައިފިއެވެ.

ރޭ ގެ މެޗަށް ނިކުތް އިރު ދެ ވަނައިގައި އޮތް ސަލަވާކިއާއާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ވެފައިވާއިރު ސްޕެއިން ރޭގެ މެޗުން މޮޅުވުމުން ދެ ޕޮއިންޓްގެ ލީޑަކާއެކު އެޓީމް ތާވާލްގެ އެއް ވަނައިގައި ހަމަ ޖެހިލެވުނީ ރޭ ސޮލަވާކިއާއިން ޔޫކްރޭންއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރު ވުމުންނެވެ.

ރޭ މެސަޑޯނިއާގެ ސްޕެއިން ބައްދަލު ކުރި މެޗްގެ ތެރެއިން --- އޭޕީ ފޯޓޯ/ ވްލެޓްކޯ ޕާކޯވްސްކީ

މެސަޑޯނިއާގެ ވެރިރަށް ސްކޯޕިއާގެ ފިލް ދޭއް އެރީނާގައި ކުޅުނު މެޗްގައި ސްޕެއިންގެ ލަނޑު މެޗްގެ އަށް ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސާޖިއޯ ބްސްކެޓްސް ތަނަވަސްކޮށްދިން ފުރުސަތަކުން ހުވާން މާޓާއެވެ.

ރޭ މެސަޑޯނިއާގެ މެޗްގައި ލަނޑު ޖަހުމަށްފަހު ސްޕެއިންގެ ހުވާ މާޓާ (ވ) އާއި ޕީކިޔް (ކ) އުފާ ކުރަނީ --- އޭޕީ ފޯޓޯ/ ވްލެޓްކޯ ޕާކޯވްސްކީ

ސްޕެއިންގެ ކޯޗް ވީސެންޓޭ ޑެލްބޮސްކޭ ވަނީ މިދިޔަ ހަފުތާގައި ސޮލަވާކިއާ ދެކޮޅަށް ނެރުނު ފުރަތަމަ 11 ބޮޑު ބަދަލެއް ގެނެސްގެން ކުޅުނު މެޗްގައި ސްޕެއިން އުފެއްދި ގިނަ ހަމަލާތަކެއް މެސަޑޯނިއާގެ ކީޕަރު ޓޮމް ޕެކޯސްކީ ވަނީ ދިފާއުކޮށްފައެވެ.

ރޭ މެސަޑޯނިއާގެ މެޗްގައި ސްޕެއިންގެ ޑެނީ ކަރަވަހާލް (ވ) އަތުން ބޯޅަ ހޯދަން މެސަޑޯނިއާގެ ދެ ކުޅުންތެރިޔަކު މަސައްކަތް ކުރަނީ --- އޭޕީ ފޯޓޯ/ ވްލެޓްކޯ ޕާކޯވްސްކީ

މެޗްގެ 37 ވަނަ މިނެޓްގައި މެސަޑޯނިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމްގެ ކުޅުންތެރިން ސްޕެއިންގެ ޑިފެންޑާ ޖެރާޑް ޕީކިޔުއަށް ކުރި ފައުލަކަ ގުޅިގެން ސްޕެއިންގެ ކުޅުންތެރިން ޕެނަލްޓީއަށް އެޕީލް ކުރި ނަމަވެސް މެޗްގެ ރެފްރީ ނިންމާފައިވަނީ އެއީ ފައުލެއް ނުންކަމަށެވެ.

ރޭ މެސަޑޯނިއާގެ މެޗްގައި މެސަޑޯނިއާގެ ޕެނަލްޓީީ އޭރިއާގެ ތރެއިން ސްޕެއިންގެ ޖެރާޑް ޕީކިޔް (ކ) ވައްތަލަނީ. ސްޕެއިންގެ ކުޅުންތެރިން ވަނީ އެއީ ފައުލެއް ކަމަށް ބުނެ ޕެނަލްޓީއަށް އެޕީލް ކޮށްފައި --- އޭޕީ ފޯޓޯ/ ވްލެޓްކޯ ޕާކޯވްސްކީ

ރޭ ގެ މެޗުން ބަލިވުމުން މެސަޑޯނިއާއަށް ވަނީ ކޮލފައިވުމުގެ ފުރުސަތު ގެއްލިފައެވެ.

ރޭ ގެ މެޗުން ސްޕެއިން މޮޅުވިއިރު އަންނަ މަހު ނުވަ ވަނަ ދުވަހު އަމިއްލަ ދަނޑުގައި ލަގްޒަމްބާގާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުމުން ސްޕެއިންއަށް އަންނަ އަހަރު ފްރަންސްގައި ބައްވާ މުބާރާތުން ޖާގަ އެއް ކަށަވަރު ވެގެންދާނެއެވެ.