09 Sep 2015, 09:55
ޔޫރޯ 2016ގެ ކޮލިފައިންގައި ގުރޫޕް 'އީ"ގައި ސްވިޒަލެންޑް 2-0ގެ ނަތީޖާއަކުން ބަލިކުރި މެޗްގައި އިންގްލެންޑްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ވޭން ރޫނީ މުގުރާލައިފި އެވެ.
އިންގްލެންޑްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް މީގެ ކުރިން އޮންނަނީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕް އިންގްލެންޑަށް ކާމިޔަބުކޮށްދިން ކެޕްޓަން ބޮބީ ޗާލްޓަން އަތުގަ އެވެ. އޭނާ ވަނީ އިންގްލެންޑްގެ ގައުމީ ޓީމަށް 49 ލަނޑު ޖަހައިދިފަ އެވެ.
ޗަލްޓަންގެ 45 އަހަރުވީ ރެކޯޑް ރޫނީ މުގުރާލީ ރޭ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗްގެ 84 ވަނަ މިނެޓްގައި އިންގްލެންޑަށް ލިބުނު ޕެނަލްޓީ ކަމިޔާބު ކޮށްގެންނެވެ.
ރޫނީ ރެކޯޑް މުގުރާލީ 107 މެޗުންނެވެ. ޗާލްޓަން ރެކޯޑް ހަދާފައި ވަނީ 103 މެޗުންނެވެ.
ރޫނީ ވަނީ މިދިޔަ ހަފުތާގައި ސެން މެރީނޯއާ ދެކޮޅަށް ކުޅުނު މެޗްގައި ޖެހި ޕެނަލްޓީ އިން ޗާލްޓަންގެ ރެކޮޑާ އަރާ ހަމަކޮށްފަ އެވެ.
މީގެ ކުރިން ޗާލްޓަންގެ ރެކޯޑާ އެންމެ ގާތް ކުރި ކުޅުންތެރިންނަކީ 48 ލަނޑު ޖެހި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ގެރީ ލިނެކާއާއި 44 ލަނޑު ޖެހި ޖިމީ ގްރީވްސްއާއި 40 ލަނޑު ޖެހި މައިކަލް އޮވެން އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ރޫނީ ބުނީ އުމުރުން 30 އަހަރު ވުމުގެ ކުރިން ގައުމުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހާސިލުވާނެ ކަމަކަށް އޭނާ ދުވަހަކު ވެސް އުންމީދު ނުކުރާ ކަމަށެވެ.
"އެ ލަނޑު ޖެހުމުން އަހަންނަށް ވަރަށް ބޮޑަށް ޖަޒުބާތު ވެވުނު. އަދި ހަމަ އެއާއެކު އަހަރެން ވަރަށް ބޮޑަށް ފަހްރުވެރިވަން. އަހަރެން ވަރަށް އުފާވޭ އެރެކޯޑް ހާސިލު ކުރެވުމުން. މިހާހިސާބުން ވެސް އަހަންނަށް ޓީމާމެދު ސަމާލުކަން ދެވޭނެ އަހަރެމެންގެ ކުރިމަގުގެ ކާމިޔާބު ހަސިލު ކުރުމަށް،" އުމުރުން 29 އަހަރުގެ ރޫނީ ބުންޏެވެ.
ރޭގެ މެޗްގައި ރޫނީ ލަނޑު ޖެހުމުގެ ކުރިން ހެރީ ކޭން ވަނީ މެޗްގެ 67 ވަނަ މިނެޓްގައި އިންގްލެންޑްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފަ އެވެ.
ރޭގެ މެޗަށް ނިކުތުމުގެ ކުރިން ވެސް އަންނަ އަހަރު ފްރާންސްގައި ބާއްވާ ޔޫރޯއަށް ކޮލިފައިވެފައިވާ އިންގްލެންޑް މިމެޗުން މޮޅުވުމުން ލިބުނު ތިން ޕޮއިންޓާ އެކު އެޓީމް ތާވާލްގެ އެއް ވަނައިގައި އޮތީ 24 ޕޮއިންޓާއެކު އެވެ.
ރޭ ގެ މެޗުން ބަލިވި ސްވިޒަލެންޑް ދެ ވަނައިގައި އޮތި 15 ޕޮއިންޓާއެކު އެވެ.
މިގުރޫޕްގައި ރޭ ކުޅުނު އަނެއް ދެ މެޗްގައި ސެން މެރީނޯގެ މައްޗަށް ލިތުއޭނިއާއިން 2-1 ނަތީޖާއަކުން ކާމިޔާބު ހޯދިއިރު އެސްޓޯނިއާގެ މައްޗަށް ސޮލޮވޭނިއާ އިން ވަނީ 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައިފަ އެވެ.