ނޯވޭއަށް ހިޖުރަކުރާ ރެފިއުޖީންގެ ތެރެއިން ވަގުތީ ސެންޓަރުތަކުން ޖާގަ ނުލިބޭ މީހުންނަށް، ހޮޓެލް ވިޔަފާރިކުރާ ނޯވޭގެ ބިލިއަނަރަކު އޭނާގެ ހޮޓެލްތަކުގައި ހިލޭ ތިބެވޭނެ ގޮތް ހަމަޖައްސައިދީފި އެވެ.

"ބޯހިޔާވަހިކަން ބޭނުންވާ ރެފިއުޖީންނަށް 5000 ރޭ އަހަރެމެން ހުށަހަޅަން،" ސްކަންޑަނޭވިއާގެ އެންމެ ބޮޑު އެއް ހޮޓެލް ޗެއިން، ނޯޑިކް ޗޮއިސް ހޮޓެލްސް ޗެއިންގެ ވެރިޔާ ޕީޓާ ސްޓޯޑޭލަން އޭނާގެ ޓްވީޓާގައި ބުނެފައިވެ އެވެ.

ނޯވޭގެ ނިއުސް އެޖެންސީއެއް ކަމަށްވާ އެންޓީބީ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ، އޭނާގެ ހޮޓެލްތަކުގައި ތިބޭ ރެފިއުޖީންނަށް ކެއުމުގެ ހަރަދު ވެސް ހަމަޖައްސައިދޭނެ ކަމަށެވެ. އަދި ޔޫރަޕަށް ހިޖުރަކުރަމުންދާ މީހުންގެ މައްސަލާގައި އެންމެން ވެސް ކަންބޮޑުވާންޖެހޭ ކަމަށް ސްޓޯޑޭލަން ބުނެފައިވެ އެވެ.

މީގެ ކުރިން ވެސް އޭނާ ވަނީ 1000 ރެފިއުޖީންނަށް އޭނާގެ ހޮޓަލް ތަކުގައި ހިލޭ ތިބެވޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް އިއުލާންކުރި، ސްޓޯޑޭލަން ވަނީ މިދިޔަ ހަފްތާ ބަންދުގައި ހިމާޔަތަށް އެދި ނޯވޭ އަށް ހިޖުރަކުރި 50 ރެފިއުޖީއަކަށް އޭނާގެ ހޮޓަލެއްގައި ދެ ރޭ ތިބުމުގެ ފުރުސަތު ދީފައެވެ.

ސްޓޯޑޭލަންގެ އެ ހުށަހެޅުމާ ގުޅިގެން ނޯވޭގެ މައިގްރޭޝަން ބޯޑުން ބުނެފައި ވަނީ ރެފިއުޖީންގެ ސެންޓަރުތައް ފުރިގެންދާނަމަ އޭނާގެ ހުށަހެޅުން ގަބޫލުކުރާނެ ކަމަށެވެ.

މިދިޔަ މަހުގެ ތެރޭގައި 2313 ރެފިއުޖީން ނޯވޭގެ ހިމާޔަތަށް އެދިފައިވާއިރު، އެ އަދަދަކީ 1990 ވަނަ އަހަރުގެ ފަހުން މަހެއްގެ ތެރޭގައި އެންމެ ގިނަ މީހުން އެގައުމުގެ ހިމާޔަތަށް އެދި ރަޖިސްޓްރީ ކުރި ފަހަރެވެ.