ލަވަކިޔުންތެރިޔާ އާޝާ ބޯސްލީ އޭ ބުނުމުން ގިނަ ބަޔަކަށް އެއީ ކާކުކަން ނޭނގިއެއް ނުދާނެ އެވެ. "އަބިނާ ޖާއޯ ޗޯރް ކަރް" އަދި "ދަމް މަރް ދަމް" ފަދަ ލަވަތަކުން އާންމުންގެ ތެރެއަށް މަޝްހޫރުވެގެން ދިޔަ އާޝާއަށް އިއްޔެ 82 އަހަރު ފުރިފައިވާ އިރު އޭނާގެ އުފަންދުވަސް ވެސް ފާހަގަކުރަނީ ލަވައިގެން ތެރެއިން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އާޝާ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އޭނާ މިވަގުތު ހުރީ ނިއުޔޯކުގައި ކަމަށެވެ. އަދި ނިއުޔޯކަށް ދިޔައީ އެގައުމުގެ ނިއުޖާޒީގައި ކުރިއަށްދާ ޝޯއެއްގައި ޕާފޯމް ކުރުމަށް ކަމަށް އާޝާ ވަނީ ބުނެފަ އެވެ.

މިމަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ޝޯއަށް އާޝާ ނިއުޔޯކަށް ގޮސްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އަޝާ ވަނީ ޓުވިޓާ މެދުވެރިކޮށް އޭނާ އަށް ވިޝްކުރި ފަރާތްތަކަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

އާއާޝާގެ ދައްތަ އަދި މަގުބޫލު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރު ވެސް ވަނީ އާޝާގެ އުފަންދުވަހު ޓުވިޓާ މެދުވެރިކޮށް ތަހުނިޔާ ކިޔާފަ އެވެ. އާޝާ އޭނާގެ ދައްތައަށް ޝުކުރު އަދާ ކުރަމުން ބުނެފައި ވަނީ ދައްތަ އޭނާއަށް ޓަކައި ކޮށްދީފައި ވަނީ އަގު ނުކުރެވޭ ފަދަ ހިދުމަތްތަކެއް ކަމަށެވެ.

އާޝާ ބޯސްލީގެ ލަވަތަކަކީ ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަޝްހޫރު ލަވަތަކެކެވެ. ހިންދީ ބަހުގެ އިތުރުން ތަފާތު އެކި ބަސްބަހުން ވެސް ލަވަތައް ހުށަހަޅައިދީފައިވާ އާޝާ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލަވަ ހުށަހަޅައިދީފައިވާ ކުޅަދާނަ ލަވަކިޔުންތެރި އެވެ.